ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަމުގެ ތިންވަނަ ދައުރަކަށް މިހާރު ވެސް އެ މަގާމް ފުރުއްވާ މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިހާބުވެވަޑައިގެންފި އެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވުނު ސްވިމިންގ އެސޯސިއޭޝަންގެ ހަތަރުވަނަ އިންތިޚާބުގައި ރައީސްގެ މަގާމަށް ވަގުތު ހަމަވިއިރު ކުރިމަތިލެއްވީ ޗަމްޕީ އެކަންޏެވެ. ފެންނަ ނުފެންނަ ވޯޓުގައި އޭނާ ހޮވިވަޑައިގަތީ 48 ވޯޓާއެކުގައެވެ.

ސްވިމިންގެ ނައިބު ރައީސްގެ މަގާމަށް މި ފަހަރު ވެސް އިންތިހާބުވީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އިސްމާއިލް އަލީ،، އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ 44 ވޯޓު ހޯދައިގެންނެވެ. އޭނާއާ ވާދަކުރި އަހުމަދު ނިޔާޒަށް ލިބުނީ 18 ވޯޓެވެ.

ސްވިމިން އެކްސްކޯގައި ދެން ހިމެނެނީ ކްލަބު ރެޕްރެޒެންޓޭޓިވް ފިރާޝް އަފީފް، ޓެކްނިކަލް މެމްބަރުންގެ ރެޕްރެޒެންޓޭޓިވްގެ އަޙްމަދު ރާއިދު އަލީ، އިންޑިވިޖުއަލް ކުޅުންތެރިންގެ ރެޕްރެޒެންޓޭޓިވްގެ ތެރެއިން އަންހެން ކުޅުންތެރިންގެ ފަރާތުން އަންނަ މެމްބަރު ރަހީމާ އާދަމް އަދި އިންޑިވިޑުއަލް ޕްލެޔާސް ރެޕްރެޒެންޓޭޓިވް ފިރިހެން ކުޅުންތެރިންގެ ފަރާތުން ހަސަން ސިރާޖެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި އިންތިހާބުގައި 63 ފަރާތަކުން ވަނީ ވޯޓުލައިފައެވެ.