ގެސްޓް ހައުސްތައް ހުޅުވުން ލަސްވާތީ، ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ގެސްޓް ހައުސްތައް ބަންދުކުރި ކުރުން ނިމުމަކަށް ގެނެސް އެ ތަންތަން އަލުން އޮޕަރޭޝަނަށް ނެރުން އަނެއްކާވެސް އެއްމަހަށް ފަސްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އެކަމާއިގުޅިގެން ގޭމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ގެސްޓް ހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކާއެކު، ގެސްޓް ހައުސްތައް ހުޅުވުން ލަސްވުމަކީ އިންޑަސްޓްރީގެ "ރިހޭ ފައިމައްޗަށް ފޮއި ވެއްޓުންފަދަ" ކަމެއް ކަމަށެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ އޮގަސްޓު އެކެއްގައި ގެސްޓް ހައުސްތައް ހުޅުވޭނެ ކަމަށް ޓޫރިޒަމްގެ އެސްއޯޕީގައި އޮވެ، އަދި އެ އެސްއޯޕީ އެކުލަވާލުމުގައި އެ ޖަމިއްޔާއާ އެކުވެސް މަސައްކަތް ކޮށްފައިވާތީ އެސްއޯޕީގައި ވާގޮތަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވި، ރިސޯޓުތަކާއި ސަފާރީތައް އޮޕަރޭޝަނަށް ގެނެވިފައިވާތީ އާއި އެމްއެމްޕީއާރުސީގެ މާކެޓިން މެޓީރިއަލް ތަކުގައިވެސް ގެސްޓް ހައުސްތަކުގެ ބުކިން ނަގަން ފަށާނީ އޮގަސްޓު އެކަކުން ފެށިގެން ކަމުގައި އޮތުމާއެކު ގެސްޓް ހައުސްތަކުން ދަނީ ބުކިންތައް ނަގަމުން ކަމަށެވެ.

ނަމަވެސް، ވަރަށް ކުއްލިގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކޮށް ގެސްޓް ހައުސްތައް އޮގަސްޓްމަހު ނުހުޅުވާ ގޮތަށް ނިންމައި، ގެސްޓް ހައުސްތައް ހުޅުވޭނެކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވުމަކީ މުޅި ގެސްޓް ހައުސް ސިނާއަތަށް ތަކުލީފްތަކެއް ކުރުމަތިކުރުވި ކަމެއްކަން އެޖަމިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ގޭމްސްގެ ބަޔާނުގައި ބުނީ، ލޯކަލް ޓޫރިޒަމް ވިޔަފާރިއަކީ ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާ ވިޔަފާރިއެއް ކަމަށާއި ގިނަ އެހެނިހެން ކުދި ވިޔަފާރިތަކެއްވެސް މިހިދުމަތުގައި ބައިވެރިވާއިރު ރިސޯޓުތަކާއި ސަފާރީތަކަށް ހިދުމަތް ފެށުމުގެ ހުއްދަ ދިނުމާއި، ސްޕާއާއި ޖިމް އަދި ރެސްޓޯރަންޓްފަދަ މީހުން ގައިގޯޅިކޮށް އުޅޭ ތަންތަނަށްވެސް ހުއްދަ ދެވިފައި، ހަމައެކަނި ގެސްޓް ހައުސްފަދަ ބޮޑު ސިނާއަތެއްގެ މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭނގި ތިބެންޖެހުމަކީ މިސިނާއަތް ނެތިދިއުމުގެ ބިރުއޮތް ކަމެއް ކަމަށެވެ.

މީގެކުރިން ސަރުކާރުން އާންމުކޮށްފައިވާ ގައިޑްލައިންގައި އޮތްގޮތުން ގެސްޓް ހައުސްތައް ހުޅުވާނެ ވަގުތީ ތާރީހެއްގެ ގޮތުގައި އޮތީ އޮގަސްޓު އެއްވަނަ ދުވަހެވެ. ނަމަވެސް މިހާރު ގެސްޓް ހައުސްތައް ހުޅުވުން ވަނީ ސެޕްޓެމްބަރަށް ފަސްކޮށްފައެވެ.

ކޮވިޑާ ގުޅިގެން ހަތަރުމަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް އެތާރީހުން ފެށިގެން ހުޅުވަން ހުއްދަ ދީފައިވަނީ މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ރިސޯޓު، ހޮޓާފަދަ ތަންތަނަށެވެ.