ކޮވިޑް-19 އާ ގުޅިގެން ޢާމްދަނީއަށް އަސަރުކުރި 6638 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސް ދީފައިވާކަމަށް ފިނޭންސް މިނިސްޓްޜީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިގްތިސާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުގެ ގޮތުން، 6،638 މީހަކަށް ޖުމްލަ 27.2 މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ.

މިއެލަވަންސް ދޭން ނިންމާފައިވަނީ އެޕްރީލް މަހުން ފެށިގެން ތިންމަސް ދުވަހަށެވެ. މިގޮތުން ދޭން ކަނޑައަޅާފައިވަނީ 5000ރ. އާ ހަމައަށެވެ. އެލަވަންސް ހޯދުމަށް ޖޮބް ސެންޓަރުގައި ރަޖިސްޓަރީކުރަން ޖެހެއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާގުޅޭ އުސޫލުގައި ވާގޮތުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭގޮތަށް ނޯޕޭލީވްއަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ.

މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް މިހާރު ލިބޭ އަދަދު 5،000ރ. އިން އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

މިއުސޫލުގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭނެގޮތްވެސް ސަރުކާރުން ހިމަނާފައިވެއެވެ. އޭގެތެރޭގައި މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް މީހުން ހިމެނެއެވެ.

ސަރުކާރުގެ އިންކަމް ސަޕޯޓް ދޫކުރަން ފެށުމާ ގުޅިގެން، ވޯލްޑް ބޭންކުންވެސް 12.8 މިލިއަން ޑޮލަރު ދޫކުރަން ނިންމާފައިވާއިރު، މިއެހީ ލިބުމާއެކު ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުނަށް އެލަވަންސް ދިނުމުގެ ގާބިލުކަން ލިބިގެން ދާނެއެވެ.