ކުރީގެ ރައީސް އބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތްބާނައިގެން ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެެއްވި ޓްވީޓެއްގައެވެ.

އިދިކޮޅު ކޯލިޝަނުން ސަރުކާރާ ދެކޮޅަށް ރޭ މުޒާހަރާވެސް ކޮށްފައިވާއިރު، ޑރ.ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ހުރިހާ ކަމެއް ބޮއްސުންލައިފި ކަމަށާއި އިދިކޮޅު ލީޑަރު ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތްބާނައިގެން ކަމަށެވެ.

އަދި ސަރުކާރުން މިހާރު ދިމާކޮށްފައިވަނީ މިނިވަންކަން ވިއްކާލަން ކަމަށާއި އިދިކޮޅުގެ މުޒާހަރާ ކުރިއަށްދާނެ ކަމަށްވެސް ޑރ..ޖަމީލް ކުރެއްވި ޓްވީޓުގައި ވެއެވެ.

އިރާދަކުރެއްވިއްޔާ ނަތީޖާ ފޮނިވާނެ. ހިލާ ގައުމު ވިއްކައެއް ނުލެވޭނެ. ކުރިންވެސް ނިމިދިޔައީ ގަދަބަސް ބުނަނިކޮށް."
ޑރ. ޖަމީލް

ޑރ.ޖަމީލް މިފަދަ މޭރުމަކުން ޓްވީޓު ކުރައްވާފައިވާއިރު ދިވެހިރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުންދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށާއި ގާނޫނުއަސާސީވެސް ބިނާވެފައިއޮތީ، ތަފާތު ޚިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް ކަމަށެވެ.

ސިޔާސީ ކަންކަމުގައި ޚިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށާއި ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވެފައެވެ.

އަދި އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، މުޅި ގައުމަށް ކަމަށާއި ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވާލާ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޚިޔާލާއި މަޝްވަރާއަށް އެމަނިކުފާނު އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށްވެސް ވިދާޅުވިއެވެ.