ޗައިނާގެ ދެކުނުހުޅަނގު ޗެންގްޑޫ ސިޓީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޗައިނާއިން ބަންދުކޮށް، ޗައިނާ ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.

އެމެރިކާ ކޮންސިއުލޭޓް ޗައިނާގެ ބާރުގެ ދަށަށް ގެންދިޔައީ އެތަން ހުސްކުރުމަށް މުހުލަތު ދިނުމަށް ފަހުގައެވެ.

ޗައިނާ ސަރުކާރުން އެމެރިކާ ކޮންސިއުލޭޓް ބަންދުކޮށް އެތަނަށް މިވަދެގަތީ، އެމެރިކާގެ ޓެކްސަސްގެ ހިއުސްޓަންގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓް އެމެރިކާއިން މިދިޔަ ހަފްތާގައި ކުއްލިގޮތަކަށް ބަންދުކުރުމުން އެކަމުގެ ރައްދުގައެވެ.

ކޮންސިއުލޭޓްތައް ބަންދުކުރުމާއެކު ދުނިޔޭގެ އެންމެބޮޑު ދެ އިގްތިސާދު ކަމުގައިވާ އެމެރިކާ-ޗައިނާ ގުޅުން އިތުރަށް ހޫނުވެ މަސްރަހް ނުތަނަވަސްވެގެން ގޮސްފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

ހިއުސްޓަންގައި ހުންނަ ޗައިނާ ކޮންސިއުލޭޓްގެ މުވައްޒަފުން މިދިޔަ ހަފްތާގެ އަންގާރަދުވަހު އެތާނގެ ގޯތިތެރޭގައި ލިޔެކިއުންތައް އަންދަނިކޮށް މީޑިއާއަށް ފެނިފައި ވެއެވެ.

ކޮންސިއުލޭޓް އިމާރާތް ދޫކޮށް ދިއުމަށް އެމެރިކާ ސަރުކާރުން އަމުރުކޮށްފައިވާކަން ޗައިނާ ސަރުކާރުން ހާމަކުރީ އޭގެ އިރުކޮޅެއް ފަހުންނެވެ.

އޭގެ ރައްދުގައި ޗައިނާ ސަރުކާރުން މިވަނީ ސިޝުއާން ޕްރޮވިންސްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޗައިނާ ގަޑިން މިއަދު ހެނދުނު 10:00 ގައި ބަންދުކޮށްފައެވެ. އަދި އެމެރިކާ ދިދަވެސްވަނީ ތިރިކޮށްފައެވެ.

އެމެރިކާ ކޮންސިއުލޭޓްގައި ނަގާފައިހުރި އެމެރިކާގެ ދިދަ ތިރިކުރަނީ؛

ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ އޮފިޝަލުން މިހާރު އެ އިމާރާތަށް ވަދެފައިވާ ކަމަށެވެ.

އެތަން ހުސްކުރަން ޗައިނާއިން އެމެރިކާއަށް ދިނީ 72 ގަޑިއިރުގެ މުހުލަތެވެ. ހިއުސްޓަންގައި ހުންނަ ޗައިނާ ކޮންސިއުލޭޓް ހުސްކުރަން އެމެރިކާއިންވެސް ދިނީ 72 ގަޑިއިރުގެ މުހުލަތެވެ.

އެމެރިކާ ކޮންސިއުލޭޓް އިމާރާތް ހުންނާތީ އަބަދުވެސް އެހިސާބު މަގުގައި ޖަހާފައިވާ މަގުހުރަސްތައް، ޗައިނާއިން ދިން މުހުލަތު ހަމަވުމާއެކު، ފުލުހުންވަނީ ނަގައި ސަރަހައްދު ހުޅުވާލާފައެވެ.

ހުޅުވާލުމާއެކު، ޗައިނާގެ އެތައްހާސް ބަޔަކު އެހިސާބަށް އެއްވެ ފޮޓޯއާއި ވިޑީއޯނަގައިހަދާފައި ވެއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ނިންމުމަށް ނާއުންމީދުވާ ކަމަށެވެ. އަދި ޗައިނާގެ އެހެން ހިސާބުތަކުގައި ހުރި ޑިޕްލޮމެޓިކް އޮފީސްތައް މެދުވެރިކޮށް އެ ސަރަހައްދުތަކުގައި ތިބި އެމެރިކާ ރައްޔިތުންގެ ކަންކަން ކުރަމުން ގެންދާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ސިޝުއާން ޕްރޮވިންސްގެ ޗެންގްޑޫގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ހުޅުވާފައިވަނީ 1985 ވަނަ އަހަރުއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު ވަރަށް ގިނަ މައްސަލަތުގައި ބޮޑެތި އަރާރުންތައް ހިނގަމުންދެއެވެ. އޭގެ ތެރޭގައި، ވިޔަފާރިއައި، ޓެކްނޯލޮޖީއާއި، ކޮވިޑް1-19 އާއި، ދެކުނު ޗައިނާ ކަނޑުގެ މައްސަލައާއި، ހޮންގްކޮންގް މައްސަލަވެސް ހިމެނެއެވެ.

މިމައްސަލަތަކާހެދި ދެގައުމުގެ ގުޅުން މީގެކުރިން ދުވަހަކުވެސް ގޯސްނުވާ ވަރަށް މިހާރުވަނީ ގޯސްވެފައެވެ.