ބަންގްލަދޭޝަށް ނިސްބަތްވާ އިތުރު 200 މީހުން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަފްތާއެއްގެ މައްޗަށް 400 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ 200 މީހަކު މިއަދުވެސް އަނބުރާ ގައުމަށް ފޮނުވާލާފައިވެއެވެ. މިއާއެކު މިހާތަނަށް އަނބުރާާ ގައުމަށް ފޮނުވާލެވިފައިވާ ބިދޭސީންގެ އަދަދު 5000 ގާތްކުރާނެއެވެ.

ދިވެހިރާއްޖެއަށް އެކި ކަންކަމުގައި އައިސް އުޅޭ ބިދޭސީންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް އަރާއިރު މިމީހުންގެ ތެރެެއިން 60،000 އަށްވުރެ ގިނަ މީހުންނަކީ ސައްހަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދާ މީހުންނެވެ. އެހެންކަމުން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގަައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިޒާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާތީ، އެފަދަ ފަރާތްތަކަށް ފަސޭހަކަމާއެކު ފުރައިގެން ދެވޭނެ އިންތިޒާމު އިމިގްރޭޝަނުންވެސް ވަނީ ހަމަޖައްސައިދީފައެވެ.

އެހެންކަމުން މިފަދަ ފަރާތްތަކުގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާއި ހުރެ ރާއްޖެއިން ފުރައިގެން ދިއުމުން މަނާކުރެވިފައި ނުވާނަމަ، 24 ޖުލައި އިން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައިކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.