މިއަހަރުގެ އަޟްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައި ބޮޑު ޖަމާއަތުގައި މީގެ ކުރިން ޢީދު ނަމާދުކުރި ނަމަވެސް ކޮވިޑާއި ގުޅިގެން މިސްކިތްތަކުގައި ނަމާދުކުރަންވެސް ހުއްދަ ދީފައިވަނީ ވަކި އިރުޝާދުތަކަކާއި އެކުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް އަޟްހާ އީދުގެ ބޮޑު ޖަމާއަތް، ސްޓޭޑިއަމްގައި ނުކުރާގޮތަށް ނިންމާފައިވާކަމަށެވެ. އޭގެ ބަދަލުގައި ޢީދު ނަމާދު އޮންނާނީ މާލޭގެ އިސްލާމީ މަރުކަޒާއި ހުކުރުކުރާ މިސްކިތްތަކުގައިކަމަށް އެމިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ނަމާދު ކުުރުން މެދުކަނޑާލުމަށްފަހު އަލުން މިސްކިތްތައް އާންމުންނަށް ހުޅުވާލައި އަލުން ނަމާދުކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ގައެވެ.

އޭގެ ފަހުން އެޗްޕީއޭގެ އިރުޝާދުތަކަކާއިއެކު ޖަމާއަތުގައި ނަމާދުކުުރުމަށް ހުއްދަ ދީފައިވަނީ މިމަހުގެ 1ގައެވެ.

ރާއްޖޭގައި ކޮވިޑް-19 ބަލި ޖެހޭ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު މިހާތަނަށް 3،300 އަށްވުރެ ގިނަ މީހުންނަށް ވަނީ މިބަލި ޖެހިފައެވެ.