ޗައިނާގެ އުތުރުއިރުމަތީ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ޑާލިއާނުން ކޮވިޑް-19 ގެ ބޮޑު ކްލަސްޓަރއެއް ފެނި، އެ ކްލަސްޓަރ ޗައިނާގެ އިތުރު 5 ޕްރޮވިންސަކަށް ފެތުރިއްޖެއެވެ.

މިކަމާ ގުޅިގެން ޗައިނާ ސަރުކާރުން މިހާރުވަނީ ވައިރަސް ފެތުރުން ހުއްޓުވަން އިތުރު ފިޔަވަޅުތައް އަޅަން ފަށާފައެވެ.

ޑާލިއާން ސިޓީން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ސީފޫޑް ކުންފުންޏެއްގައި މަސައްކަތްކުރާ، އުމުރުން 58 އަހަރުގެ މީހެކެވެ. އެމީހާއަކީ ބަލިޖެހިފައިވާ އެހެން އެއްވެސް މީހަކާ ގުޅުމެއްނެތް މީހެއް ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެއެވެ.

މިއާއެކު، ޑާލިއާން ސިޓީން މިހާރުވަނީ ޕޮޒިޓިވް އިތުރު 12 ކޭހާއި، އެސިމްޕްޓޮމެޓިކް އިތުރު 14 ކޭސް ފެނިފައެވެ.

މިކަމާ ގުޅިގެން، ޑާލިއާން ސިޓީ ހިމެނޭ ލިއާއޮނިންގ ޕްރޮވިންސްގެ ސިއްހީ ފަރާތްތަކުން މިހާރު ގެންދަނީ ބަލި ފެތުރުން ހުއްޓުވަން ފިޔަވަޅުތައް އަޅަމުންނެވެ.

ފިޔަވަޅުތައް އެޅުމުގެ އިތުރުން، ޑާލިއާން ސިޓީގެ ހަމިލިއަން ރައްޔިތުން ބައްޔަށް ޓެސްޓްކުރާނޭ ކަމަށްވެސް އޮފިޝަލުންވަނީ ވިދާޅުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުން، އިތުރު 5 ޕްރޮވިންސަކުން މިހާރުވަނީ ޕޮޒިޓިވް ކޭސްތައް ފެނިފައެވެ.

އަނެއްކޮޅުން، މެއިންލެންޑް ޗައިނާއިންވެސް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އައު 68 ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް ހާމަކޮށްފައި ވެއެވެ.

އަލަށް ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން 64 ކޭސްއަކީ ޗައިނާއިން ޕޮޒިޓިވް ވެފައިވާ މީހުން ކަމަށާއި، އަނެއް ހަތަރުމީހުންނަކީ ބޭރުން އައިސްފައިވާ މީހުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 57 މީހުންނަކީ ޗައިނާގެ ދުރު ހުޅަނގު ސަހަރުކަމަށްވަ ޝިންޖިއާންއިން ފެނިފައިވާ ޕޮޒިޓިވް ކޭސްތަކެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލީގައި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓް ލިބިފައި ނުވާކަމަށްވެސް ޗައިނާއިން ބުނެއެވެ.