ކޮރަޕްޝަންގެ ތުހުމަތުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް އުފުލުނު 7 ދައުވާވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، މެލޭޝިޔާ ސަރުކާރުގެ ތަރައްގީގެ ފަންޑު، 1މެލޭޝިޔާޑިވެލޮޕްމަންޓްބަރްހާދުގައި ހިންގާފައިވާ އެތައް ބިލިއަން އެމެރިކާ ޑޮލަރުގެ ޚިޔާނާތުގެ މައްސަލައާ ގުޅުންހުރި އެތައް ދައުވާއެއްގެ ތެރެއިން ހަތް ދައުވާއެވެ.

ހުކުމް އިއްވަމުން ފަނޑިޔާރު މުހަންމަދު ނަޒްލާން ޣަޒަލީ ވިދާޅުވީ، 1މެލޭޝިޔާޑިވެލޮޕްމަންޓްބަރްހާދުގެ ސަބްސިޑަރީ ޔުނިޓެއް ކަމަށްވާ އެސްއާރްސީ އިންޓަރނޭޝަނަލް އެކައުންޓުން 9،8 މިލިއަން އެމެރިކާ ޑޮލަރު ނަޖީބުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކުރުމުގައި ނަޖީބުގެ ދައުރެއް ނެތްކަމަށް ދިފާއީ ވަކީލުންނަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.

ނަޖީބުގެ މައްޗަށް ޝަރީއަތް ހިންގައި ނިންމީ މި މައްސަލާގައި އުފުލިފައިވާ ހަތް ދައުވާއަށެވެ.

ފަނޑިޔާރު ވިދާޅުވީ، މިމައްސަލާގައި ނަޖީބު ކުށްވެރިވާކަން ޝައްކެތްނެތް މިންވަރަށް ދައުލަތުން ސާބިތުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން، ހަތް ދައުވާގައިވެސް އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅާ ކަމަށް ފަނޑިޔާރު ހުކުމް އިއްވިއެވެ.

ވެރިކަމުގެ ދުވަސްވަރު ބޮޑުވަޒީރުގެ އިތުރުން ނަޖީބު ރައްޒާގަކީ މާލީ ވަޒީރުވެސް މެއެވެ.

އެހެންކަމުން، ސަރުކާރުން ލޯނުތައް ދިނުމުގައިވެސް ނަޖީބު މަގާމުގެ ނުފޫޒު ބޭނުންކުރައްވާފައިވާ ކަމަށާއި، އަދި އެއީ އޭނާގެ އެކައުންޓަށް ފައިސާ ވެއްދުމުގެ ވަސީލަތަކަށްވެސް ވެފައިވާކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އެކި ފަރާތްތަކަށް ލޯނު ދޫކުރުމުގައިވެސް ނަޖީބަށް "މަންފާ" ލިބިވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ.

ނަޖީބު ރައްޒާގު ކުށްވެރިވާކަމަށް ކަނޑައެޅުއްވުމަށްފަހު ފަނޑިޔާރުވަނީ ނަޖީބު 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.

ނަމަވެސް، އިސްތިއުނާފް ކުރުމުގެ ފުރުސަތު ނަޖީބަށް އޮތުމުން ފަނޑިޔާރުވަނީ އެ މަރްހަލާ ނިމެންދެން މިނިވަންކަމާއެކު އުޅުއްވުމުގެ ފުރުސަތު ނަޖީބަށް ދެއްވާފައެވެ.

ޖަލަށްލުމަށް ހުކުމް ކުރުމުގެ އިތުރުން، 49 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ދެއްކުމަށްވެސް ފަނޑިޔާރު ހުކުމްކުރެއްވިއެވެ.

ހުކުމަށްފަހު ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޖީބު ވިދާޅުވީ، ހުކުމް ކުރެއްވީ އެންމެ ފަނޑިޔާރެއް ކަމަށާއި، އެހެންކަމުން މައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.

މިއަދު ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމާ ދިމާކޮށް ނަޖީބަށް ތާއީދުކުރާ އެތައްސަތޭކަ ބަޔަކު ކޯޓު ދޮށަށް އެއްވެ އަޑުއުފުލާފައިވެއެވެ.

ކޮރަޕްޝަނާ ގުޅުންހުރި ހަ ދައުވާގައި ނަޖީބު ކުށްވެރިވާކަމަށް ކޯޓުން ހުކުމްކުރިއިރު، ޓެކްސް ނުދެއްކުމާއި އެކި ކަހަލަ ޖޫރިމަނާތަކުގައި 400 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރަށް ދެއްކުމަށް މެލޭޝިޔާގެ ހައި ކޯޓުން މީގެ ހަދުވަސްކުރިންވަނީ ނަޖީބުގެ މައްޗަށް އަމުރުކޮށްފައެވެ.

ނަޖީބު ރައްޒާގަކީ އެއް އިރެއްގައި މެލޭޝިޔާގައި ހުންނެވި އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރުގެ ގޮތުގައި ބެލެވުނެވެ.

ހަމަ އެއާއެކު، އޭނާ ވެވަޑައިގެންނެވީ މެލޭޝިޔާގެ ތާރީޚްގައިވެސް ކޮރަޕްޝަންގެ މައްސަލައެއްގައި ކުށްވެރިވެވަޑައިގެން ކޯޓުގެ ހުކުމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ފުރަތަމަ ސިޔާސީ ލީޑަރަށެވެ.