ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އިންޑިއާއި އާއި ޗައިނާއާ ގުޅުވައިގެން ދައްކާވާހަކަތައް ހުއްޓުވުމަށް ރައީސް މައުމޫނު ނުކުމެ ވަޑައިގެން ކޯލިޝަންގެ ބޭފުޅުންނާއި އެވާހަކަ ދައްކަވައިފިނަމަ އެކަން ހުއްޓޭނެކަމަށް ގަބޫލުފުޅު ކުރައްވާކަމަށް މަޖްލިސް ކުރީގެ ނައިބު ރައީސް، މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި، ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކަށް ރައްދުދެމުން އިންޑިއާއި އާއި ޗައިނާއާއި ގުޅޭ ގޮތުން ދައްކާ ވާހަކަތަކުގައި އެއްވެސްކަހަލަ އަސްލެއްނެތްކަން ފާހަގަކުރައްވާ މޫސާ މަނިކު ވިދާޅުވީ އިންޑިއާއާއި ޗައިނާއަކީ ރާއްޖެއަށް އެތައް ގޮތަކުން އެހީތެރިކަން ވެދީފައިވާ ގައުމެއްކަމަށާއި އެހެންކަމުން އެ ދެގައުމުން ރާއްޖެ ހިފާނެކަމަށް ބުނެ، އެގައުމުތަކާއި ގުޅުވައި ދައްކާ ވާހަކަތައް އެއީ ދޮގު ވާހަކަތައް ކަމަށެވެ.

މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތެރިކަން ފާހަގަކުރައްވާ މޫސާމަނިކު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި އެންމެ ބިރުވެރި ދުވަހެއްގެ ގޮތުގައި ފާހަގަވަނީ ނޮވެމްބަރު ތިނެއްގެ ހާދިސާކަމަށާއި އެ ހާދިސާގައިވެސް އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތެރިކަން ދިވެހިންނަށް އެނގޭނެކަމަށެވެ. އަދި އޭގެ ފަހުން މުޅި އޭޝިޔާ ސަރަަހައްދަށް އައި ސުނާމީގެ ސަބަބުންވެސް އިންޑިއާއިން ވެދިން އެހީތެރިކަން ފާހަގަކުރައްވާ މޫސާ މަނިކު ވިދާޅުވީ މިއަދު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑްގެ ބިރުވެރި ވަބާއާއި ގުޅިގެންވެސް އިންޑިއާއިން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ދިވެހިންނަށް އިހުސާސު ކުރެވޭނެކަމަށެވެ.

މިގޮތުން ދުނިޔޭގެ އެހެން ހުރިހާ ގައުމަކަށް އިންޑިއާ ބަންދުވެފައި ވީނަމަވެސް ދިވެހިންނަށްޓަކައި އެ ގައުމު ހުޅުވާލެވިފައިވާކަން އެއީ އިންޑިއާއިން ރާއްޖެއާއިމެދު ބަހައްޓާ ގާތްކަމާއި އޯގާތެރިކަންކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ދިވެހިން އިޚްތިރާމްކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާ އެކޭ އެއްފަދައިން ޗައިނާއިން ރާއްޖެއަށް ވެދީފައިވާ އެހީތަކަކީވެސް އެވާހަކަތައްދައްކާ ހުސްނުވާނެހާ ގިނަ ވާހަކަތަކެއްކަމަށާއި އެހެންކަމުން މިފަދަ އެހީތެރިކަން ވަމުންދާ ގައުމުތަކާއި މެދު ހިތަށް އެރިހާ އެއްޗެއް ސިޔާސީ ފަރާތްތަކުން ކިޔަމުން ދިޔުމަކީ ވަރަށް ހިތާމަކުރަންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ސިޔާސީ ބޭނުމަށްޓަކައި ދައްކާ އަސާސެއްނެތް ވާހަކަތައް ހުއްޓުވޭނީ ކުރީގެ ރައީސް، އަލްުއުސްތާޛް މައުމޫނު އަބްދުލް ޤައްޔޫމް، ކޯލިޝަންގެ ވެރިންނާއި މިވާހަކަދައްކައިގެންކަމަށާއިކަމަށް ގަބޫލުފުޅުކުރައްވާކަމަށާއި، ރައީސް މައުމޫނު އެހެން ވާހަކަދައްކަވައިފިނަމަ އެ ދެގައުމާއި ގުޅުވައިގެންދައްކާ މިފަދަ ދޮގުވާހަކަތައް ހުއްޓޭނެކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ.

އަޅުގަނޑަށް ފެންނަނީ މި މައްސަލައިގައި ރައީސް މައުމޫނު ނުކުމެ ވަޑައިގެން ކޯލިޝަންތަކުގެ ވެރިންނަށާއި އެމްޑީޕީއަށްވެސް ވިދާޅުވަން. އޭރުން މިކަން ހުއްޓޭނެކަން އަޅުގަނޑަށް ޔަގީން.
މޫސާ މަނިކު

ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ، މަޖްލިސް މެންބަރުކަންވެސް ކުރައްވާފައިވާ މޫސާ މަނިކު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އިންޑިއާއި ޗައިނާއާއި ގުޅޭ ގޮތުން ދައްކާ ވާހަކަތައް ހުއްޓާލަންވެއްޖެކަމަށެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ނުތަވަސްކަމެއްގެ ތެރެއަށް ރާއްޖެފަދަ ކުޑަކުޑަ ގައުމަކުން ވަދެ، އެކަންތަކާއި ބެހި ހެދުން އެއީ ކުރަންޖެހޭ ކަމެއް ނޫންކަަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާއި ޗައިނާ އާއި ބެހުން ހުއްޓާލަންވެއްޖެ މިހާރު. މާ ބޮޑަށް ބެހެނީ. ޗައިނާއާއި އިންޑިއާއިން ރާއްޖެއަށް، ރާއްޖޭގެ ރައްޔިތުންނަށްޓަކައި ވެދިން އެހީތެރިކަން އެއީ ދައްކާ ހުސްވާނެވާހަކަތަކެއް ނޫން. އިންޑިއާއަކުން ރާއްޖެ ހިފަން ނާންނާނެ. ހެލިކޮޕްޓަރާއި މަތިންދާބޯޓު ރާއްޖޭގައި އޮތުމުން އެއީ ރާއްޖެ ހިފުމެއްނޫން. ބޮޑެތިބާރުތަކުގެ ތެރޭގައި ހުންނަ ތަޅާ ފޮޅުންތަކަށް އަޅުގަނޑުމެން ވަންނާކަށް ނުޖެހޭ. ޔޫއެންގައި މިކަމުގައި ކުރާ ބަހުސަށްވުރެ ރާއްޖޭގެ ސިޔާސީ ޕާޓިތަކުން ކުރާ ބަހުސް ބޮޑު. އެހެންވީމަ ރައީސް ނަޝީދަށްވެސް އަޅުގަނޑު އާދޭހާއެކު މި ދަންނަވަނީ ރުޅި އަންނަ ކޮންމެ ފަހަރަކު ޗައިނާ ސަރީފާއި ދިމާލަށް އެއްޗެހި ނުބުނުއްވަން. ހަމަ އެހެން ޕީޕީއެމްއަށްވެސް މި ދަންނަވަނީ. ރުޅި އަންނަ ކޮންމެ ފަހަރަކު އިންޑިއާއި ނުބެހެން.
މޫސާ މަނިކު

މޫސާ މަނިކު މިހެން ވާހަކަދައްކާފައިވާއިރު އިންޑިއާއި އާއި ޗައިނާއާއި ގުޅުވައިގެން ގިނަ ވާހަކަތަކެއް ސިޔާސީ ފަރާތްތަކުން ދަނީ ދައްކަމުންނެވެ.