ރާއްޖޭގެ ހުރިހާ މިސްކިތްތައް 2021 ވަނަ އަހަރު ނިމޭއިރަށް އޭސީކޮށް ނިންމާނުލެވޭނޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް އޭސީކޮށް 2021 ވަނަ އަހަރު ނިންމާ ނުލެވޭނޭ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ މިސްކިތްތައް 2021 އަހަރުގެ ތެރޭގައި އޭސީކޮށް ނިންމާލުމަކީ އަމާޒެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިސްކިތްތައް އޭސީކޮށް 2021 ވަނަ އަހަރުގެ ތެރޭގައި ނިންމާލަން މަސައްކަތް މިހާރު ކުރުމަކީ ވަރަށް ދަތިކަމެއް ކަމަށެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދީގޮތުން ގައުމަށް ދިމާވި ދަތިހާލަތުތައް ރިޢާޔަތް ކުރުމަށްފަހުގައި އަލުން އެމަސައްކަތް އެއްކޮށް ނިންމާލެވޭނެ ތާރީޚެއް ކަނޑައަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުން ވަރަށް ބޮޑު ޚަރަދުތަކެއް މިހާރުވެސް ކުރައްވަމުން އެ ގެންދަވަނީ. އޭސީގެ މަސައްކަތް ކުރާ އިރު އެ މަސައްކަތް މި ކުރަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން. މިހާރުގެ ހާލަތަށް ރިޢާޔަތް ކުރުމަށް ފަހު އަޅުގަނޑަށް ދެންނެވޭނީ ކުރިން އެ މަސައްކަތް ނިންމަން ކަނޑައެޅީ ދެ އަހަރާއި ބައިގެ މުއްދަތެއްގަ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެންނަކަށް އެ މަސައްކަތްތަކެއް ނިންމައެއް ނުލެވޭނެ."
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

މިސްކިތްތައް އޭސީކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އަމާޒަކީ މިދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް އޭސީކޮށް ނިންމާލުން ކަމަށެވެ.

ރާއްޖޭގެ ހުރިހާ މިސްކިތްތައް ސޯލާ ޕެނަލް ނުވަތަ އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.