ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތައް މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭވަރު ވާނޭކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރ މިފަދައިން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތައް މިސަރުކާރާ ހަވާލުވުމަށް ފަހުގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މިހާރު ކުރަމުންދާ މަސައްކަތަކީ މިސްކިތަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީން ވަރަށް ބުރަކޮށް މަސައްކަތް އެބަ ކުރައްވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނިންމާލުމަށް. އުންމީދު ކުރަނީ މާ ލަސްތަކެއް ނުވެ މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް ކޮށް ނިންމާލެވޭނެ ކަމަށް. މިސްކިތް ހުޅުވޭނެ ވަކި ތާރީޚެއް ދަންނަވަން ދަތިވިޔަސް އިރާދަކުރެއްވިއްޔާ މަހެއްހާ ދުވަހުގެ ތެރޭގައި މިސްކިތުގެ ހުރިހާ މަސައްކަތްތަކެއް ކޮށް ނިންމާލެވޭނެ."
އިސްލާމިކް މިނިސްޓަރ

މިސްކިތް ހުޅުވަންޖެހޭނީ ބޭރުން ގެންނަންޖެހޭ ހުރިހާ ފަރުނީޗަރުތަކެއް ގެނެވި މިސްކިތަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްވުމަށް ފަހުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭ މިސްކިތެއް އެޅުމުގެ މަޝްރޫއު އިފްތިތާހްކުރީ 24 ފެބްރުއަރީ 2016 ގައެވެ.