ކޮވިޑް-19 އާއި ގުޅިގެން ޒަކާތު ފަންޑުން މިހާތަނަށް 5.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާނޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ޒަކާތު ފަންޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ޒަކާތު ފަންޑުން މިހާތަނަށް 5.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ޒަކާތު ފަންޑުން ގިނަ ޚަރަދުތަކެއް ކުރެވުނު ކަމަށާއި އެގޮތުން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް 3 މިލިއަން ރުފިޔާ ޚަރަދު ކުރެވުނު ކަމަށާއި އަދި ތައުލީމީ ދާއިރާއަށް 1.5 މިލިއަން ރުފިޔާ ޚަރަދު ކުރެވުނު ކަމަށާއި، ވަކިން ޚާއްސަކޮށް ޕްރީ ސްކޫލްތަކުގެ ގުރުއާން ކްލާސްތަކަށާއި އަދި އެހެނިހެން ކަންތައްތަކަށް ޚަރަދުކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން މަގުމަތިވެ ހާލުގައި ޖެހުނު މީހުނަށް ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިން އިރު އެ ކަމަށް ސަޕޯޓެއްގެ ގޮތުގައި 1 މިލިއަން ރުފިޔާގެ އެހީތެރިކަމެއް ޒަކާތު ފަންޑުން ހަމަޖައްސާދެވުނު."
އިސްލާމިކް މިނިސްޓަރ

ޒަކާތު ފަންޑުގެ ފާއިސާ ޚަރަދުކުރަނީ ޝަރުޢީ ހަމަތަކާ އުސޫލުތަކުގެ މަތިން ކަމަށާއި، އެއީ، ހުރިހާ ރައްޔިތުންނަށް ފެންނާނެ ގޮތަކަށް ދެފުށް ފެންނަ ގޮތަކަށް ޚަރަދުކުރެވޭ ފާއިސާތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން އަންނަ ތަފާތު އެހެނިހެން މައްސަލަތަކަށް ޚަރަދު ކުރުމަށްޓަކައި ގާތްގަނޑަކަށް 15 ވަރަކަށް މިލިއަން ރުފިޔާ ޒަކާތު ކޮމެޓީން ކަނޑައަޅާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުގައި ނޫނަސް ޒަކާތު ފަންޑުން ބޭސްފަރުވާއަށާއި ހާލުގައި ޖެހިފައިވާ މީހުންގެ އިތުރަށް، ހޮސްޕިޓަލުތަކުގެ ބިލުތައް ދެއްކޭނެގޮތް ނުވެފައިތިބޭ މީހުނަށްވެސް ޚަރަދު ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މިދިޔަ އަހަރު ގާތްގަނޑަކަށް 16 ވަރަކަށް މިލިއަން ރުފިޔާ ބޭސްފަރުވާގެ އެކި ކަންކަމަށް ޒަކާތު ފަންޑުން ޚަރަދު ކޮށްފައިވާނޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.