ގަލްފް ކަނޑުގައި އީރާނު ސިފައިން ވަރަށް ވަރުގަދަ އަސްކަރީ ތަމްރީނެއް ފަށައިފިއެވެ.

މިތަމްރީނުގެ ފުރަތަމަ ދުވަހު އީރާނުގެ ނުފޫޒުގަދަ ރިވޮލިއުޝަނަރީ ގާރޑުންވަނީ، އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓު އުފުލާ މަނަވަރު "ނިމިޒް" އާ އެއްގޮތަށް ލަކުޑިން ހަދާފައިވާ ބިޔަ ޑަމީ މަނަވަރެއް މިސައިލުން ހަމަލާދީ ގޮއްވާލާފައެވެ.

މިތަމްރީނުގައި ކުރިއަށްދިޔަ އަސްކަރީ ގޭމާއި، ސިފައިންގެ ހަރަކާތްތައް އީރާނުގެ ގައުމީ ޓީވީން ވަގުތުން ދުރަށް ދައްކަމުން ގެންދިޔައެވެ.

އެއްގަމު ސިފައިންގެ ހަރަކާތްތަކާއި، ކަނޑުގެ ސިފައިން ކުދި ލޯންޗްތަކުގައި ހަރަކާތްތެރިވަމުން ދިޔައިރު، ލަކުޑި މަނަވަރަށް މިސައިލާއި އެހެނިހެން ހަދިޔާރުން ހަމަލާދިނީ އީރާނުގެ ވައިގެ ސިފައިންނެވެ.

ލަކުޑި މަނަވަރު ގޮއްވާލިއިރު އޭގައި ޑަމީ އަސްކަރީ މަތިންދާ ބޯޓުތައްވެސް ހުއްޓެވެ.

މި މަނަވަރަށް ހަމަލާދިނުމުގައި، އީރާނުން އަލަށް އުފެއްދި ދުރުރާސްތާ ބެލިސްޓިކް މިސައިލްވެސް ބޭނުންކޮށްފައި ވެއެވެ.

އީރާނު ސިފައިން ތަމްރީނުތަކުގެ ތެރޭގައި ބެލިސްޓިކް މިސައިލެއް އުދުއްސާލަނީ:

އީރާނު ސިފައިން ތަމްރީނުގައި ހަމަލާދިން ޑަމީ މަނަވަރުގެ ސެޓެލައިޓް ފޮޓޯތައް އެމެރިކާއިންވަނީ އާންމުވެސް ކޮށްފައެވެ.

މިތަމްރީނު ކުރިއަށް ގެންދަނީ އީރާނުގެ ދެކުނުހުޅަނގު ކަނޑުގެ ސަރަހައްދުގައެވެ.

މިއީ، ހޮރްމޫޒު ކަނޑުއޮޅިއާ ގާތް ސަރަހައްދެކެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި ކުރެވޭ ތެލުގެ މުއާމަލާތްތަކުގެ ވަރަށް މުހިންމު ބައިނަލްއަގްވާމީ މަގެކެވެ.

އެމެރިކާގެ މަނަވަރެއްގެ ސިފައަށް އެއްޗެއް ހަދައި، އަސްކަރީ ތަމްރީނުގައި އީރާނު ސިފައިން އޭތި ގޮއްވާލި މިދުވަސްވަރަކީ އީރާނާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެކެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންވަނީ އީރާނުގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ބަހްރެއިންގައި ގާއިމްވެފައިވާ އެމެރިކާ ކަނޑުގެ ސިފައިންގެ ފިފްތު ފްލީޓުން ބުނެފައިވަނީ، އީރާނު ސިފައިންގެ މި އަމަލަކީ ވަރަށް ޒިންމާދާރުކަންކުޑަ، ނުރައްކާތެރި އަމަލެއް ކަމަށެވެ.

އަދި އަސްކަރީ ތަމްރީނުގައި އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަންވަރުގެ ޑަމީ ބޭނުންކުރި މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

އީރާނު ގާރޑުންގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ހުސައިން ސަލާމީ ގައުމީ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ، ދުޝްމަނުގެ ހަމަލާއަކާ ކުރިމަތިލާއިރު، އީރާނު ސިފައިންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނެއް ކަމަށެވެ.