ރޭ އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން ހައްޔަރު ކުރި ދެމީހުން ދޫކޮށްލައިފި އެވެ.

މިއަދު މެންދުރުފަހު އެދެމީހުންވެސް ދޫކޮށްލާފައިވާއިރު، މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޕީއެންސީގެ ކައުންސިލް މެންބަރަކާއި މުޒާހަރާގައި ބައިވެރިވި އިދިކޮޅުގެ ސަޕޯޓަރެކެވެ.

ޕީޕީއެމް/ ޕީއެންސީން ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ކުޅުވެސް ޖަހާފައިވެއެވެ. މިމައްސަލަ ފުލުހުން އަންނަނީ ތަހްގީގްކުރަމުންނެވެ.

ފުލުހުން ބާރުގެ ބޭނުންކޮށްގެން، ރޭގެ މުޒާހަރާ ރޫޅާލާފައިވާއިރު، ގިނަ އަދަދަކަށް ޕެޕާސްޕްރޭ ވެސް ޖަހާފައިވެއެވެ

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ބަޔަކު މާލޭގައި ބޭއްވި ސުލްހަވެރި އިހުތިޖާޖަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެއްވެސް އިންޒާރަކާއި ނުލައި ޕެޕާ ސްޕްރޭ ޖަހައިގެން އެ މުޒަހާރާ ފުލުހުން ރޫޅައިލި ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.

އަދި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ ހައްގު ސުލްހަވެރިކަމާއެކު ބޭނުންކޮށް ޝުއޫރު ފާޅުކުރަމުން ދަނިކޮށް އިންޒާރެއް ދިނުމެއްނެތި ފުލުހުން ބާރުގެ ބޭނުންކޮށް އެ އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެކޯލިޝަންގެ ބަޔާނުގައި ހަމަހަމަ ކަމާއެކު ސުލްހަވެރި ކަމާއެކު އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުން މިނިވަންކަމަށް ގާނޫނުން ލިބިދީފައިވާ ހައްގަށް ހުރަސް ނޭޅުމަށް ވަނީ ގޮވާލާފައެވެ.