އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ވާދަކޮށް 15 ވޯޓުން ކުރިހޯއްދަވައިގެން އެ އެސޯސިއޭޝަނުގެ ރައީސްކަމުގެ ތިންވަނަ ދައުރަކަށް މުހައްމަދު ތޮލާލް އިންތިހާބުވެވަޑައިގެންފި އެވެ.

ހެންވޭރު ބޯޅަގޭގައި ބުދަދުވަހުގެ ހެނދުނު ބޭއްވި އިންތިހާބުގައި އާ ދައުރަކަށް ތޮލާލް އިންތިހާބުވެވަޑައިގަތީ ކުރީގެ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) އާ ވާދަކުރައްވައިގެންނެވެ. ޔަޒޫއަށް ލިބުނީ 1 ވޯޓެވެ.

ބުދަ ދުވަހު ބޭއްވި އިންތިޚާބުގައި ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އަޙްމަދު އަޒީލެވެ. އަދި ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވީ ކުރީ ދައުރެއްގައި އެ މަގާމު އަދާކުރި މުސްތަފާ މުހައްމަދެވެ. މި މަގާމުތަކަށް އެންމެ މީހަކު ކުރިމަތިލާފައިވުމުން ފެންނަ ނުފެންނަ ވޯޓެއް ނެގިއިރު، އަޙްމަދު އަޒީލާއި މުސްތަފާ މުޙައްމަދު، މި ކޮންމެ ބޭފުޅަކަށްވެސް ވަނީ 15 ވޯޓު ލިބިވަޑައިގެންފައެވެ.

އެތްލެޓިކްސް އެސޯސިއޭޝަނަށް އަލަށް އިންތިހާބުވި ބޭފުޅުން --ފޮޓޯ: އެތްލެޓިކްސް އެސޯސިއޭޝަން

އެކްސްކޯ އަށް ހޮވިވަޑައިގަތީ 15 ވޯޓާ އެކު މުހައްމަދު ޝުޖާއު އާއި 14 ވޯޓާ އެކު ކުރީގެ ދުވުންތެރިޔާ އަހުމަދު ޝަގީފް (ރިވަރިން) އަދި 13 ވޯޓާ އެކު ހުސެއިން އަމީން ނަސީރެވެ. ޖުމްލަ 15 ވޯޓާއެކު އެކްސްކޯގެ އަންހެން މެމްބަރުގެ މަގާމް ކާމިޔާބުކުރެއްވީ އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް ޔާސްމީން އަބްދުﷲ އެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުގެ އިންތިޚާބުގައި 12 ކްލަބަކާއި ހަތަރު އިންޑިވިޖުއަލް މެންބަރުން ވަނީ ބައިވެރިވެފައެވެ.