މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ފިޓްނަސް ޕާޓްނަރަކަށް ބޮޑީޓެކް ޖިމް ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މާޒިޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗެއާމަން އަބްދުﷲ މޫސާއެވެ. އަދި ބޮޑީޓެކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުސައިދެވެ.

މިއީ އެއް އަހަރުދުވަހުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މާޒިޔާގެ ފިޓްނަސް ޓްރެއިނިންތަކާއި ޖިމް ސެޝަންތައް ކުރިޔަށްދާނީ ބޮޑީ ޓެކް އާއި ގުޅިގެންނެވެ. މި އެއްބަސްވުމުގެ ދަށުން މާޒިޔާގެ ޓްރެއިނިންގ ޖާޒީގައި ބޮޑީޓެކްގެ ލޯގޯ ފެނިގެންދާނެ ކަމަށާއި، ބޮޑީޓެކްގެ އިސްތިހާރުތަކުގައި މާޒިޔާގެ ބޮޑު އެހީއެއް ލިބޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަމުން ބޮޑީޓެކްގެ މެނޭޖިންގ ޑިރެކްޓަރު މުސައިދު ވިދާޅުވީ މާޒިޔާއާއެކު މި އެއްބަސްވުމުގައި ސޮއިކުރި މައިގަނޑު ސަބަބަކީ މާޒިޔާއަކީ އެންމެ ވަރުގަދަ މެނޭޖުމަންޓް އޮތް ކްލަބުކަމުގައި ވުމުން ކަމަށެވެ.

އަންނަ އޮކްޓޯބަރު މަހު މާލޭގައި ބާއްވާ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް އެންމެބޮޑަށް ތައްޔާރުވަމުން އަންނަނީ މާޒިޔާއިންނެވެ. އެ ޓީމުން ދާދިފަހުން ވަނީ އާ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ހަމަޖައްސާފައެވެ. އަދި އެ ޓީމުގެ ބިދޭސީ ފޯވާޑް ކޯނޭލިއަސް ސްޓެވާޓް އާއި އެ ޓީމުގެ ގިނަ ކުޅުންތެރިން ވަނީ ކުލަބުގައި މަޑުކޮށްފައެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދުގައެވެ. ރާއްޖޭގެ ދެ ޓީމު މި ގްރޫޕުގައި ހިމެނެއެވެ. އެއީ މާޒިޔާ އާއި ޓީސީ އެވެ. ދެން މި ގްރޫޕުގައި ހިމެނޭ ޓީމުތަކަކީ ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އާއި އިންޑިއާގެ ޗެންނާއި ސިޓީ އެވެ.