ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން ކުރިޔަށް ހުރި މެޗުތަކުގައި ކުޅެން ދެކޮޅުހަދާ، ނިންމުންތަކަށް ފާޑުކިޔުމާއި ގުޅިގެން އެ ޓީމަށް ކުޅޭ ބްރެޒިލްގެ އުއްމީދީ ތަރި އާރްތޫރް މެލޯއަށް ފިޔަވަޅު އަޅަން އެ ކުލަބުގެ ބޯޑުން ނިންމައިފިއެވެ.

އަންނަ ސީޒަންގައި ޔުވެންޓަސް އަށް ކުޅެން ނިންމާފައިވާ އާރްތޫރް ބާސާއަށް ކުޅެން ދެކޮޅު ހަދާފައިވާއިރު ބާސާއިން ޗެމްޕިއަންސް ލީގުގައި ކުޅެން ނެގި ސްކޮޑްގައި އޭނާ ހިމަނާފައިވެއެވެ. ނަމަވެސް އޭނާ ޔުވެންޓަސްއަށް ދޫކޮށްލަން ވާހަކަ ދެކެވުމާއެކު އާތޫރު ވަނީ ފާޅުކަންބޮޑު ގޮތެއްގައި ކުލަބަށް ފާޑުކިޔާފައެވެ.

ބާސާއިން އަންގާރަ ދުވަހު އަލުން ފަރިތަކުރުން ފެށިއިރު ފުރަތަމަ ސެޝަންތަކުގައި އޭނާ ބައިވެރިނުވެއެވެ. ކޮވިޑް-19 ޓެސްޓް ހަދަން ވެސް ހާޒިރުނުވެއެވެ. ޗެމްޕިއަންސް ލީގުގައި އާރްތޫރް ނުކުޅެފިނަމަ އޭނާ ބޮޑު އަދަދަކުން ޖޫރިމަނާއެއް ކުރަން ބާސެލޯނާގެ ބައެއް ބޯޑު މެމްބަރުން ބޭނުންވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ބްރެޒިލްގެ މީޑިއާ ރިޕޯޓުތައް ބުނާގޮތު އާތޫރު ދެން ޔޫރަޕަށް ދާނީ ސެޕްޓެމްބަރު މަހު ޔުވެންޓަސްއާ ރަސްމީކޮށް ގުޅުމަށެވެ. ބާސެލޯނާ އާއި ޔުވެންޓަސްގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން އާރްތޫރް 80 މިލިއަން ޑޮލަރުގެ އަގަކަށް ޔުވެންޓަސްއާ ފަސް އަހަރުގެ ކޮންޓްރެކްޓަކަށް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ޔުވެންޓަސްގެ ޕިޔަނިޗް ބާސެލޯނާއާ ގުޅޭނެއެވެ.