އިސްލާމިކް މިނިސްޓްރީއަކީ އެއްވެސް ހާލެއްގައި ބަޔަކަށް އަދަބުދޭން އޮންނަ ތަނެއް ނޫން ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އެމްޑީއެން އަދި އުތެމާ ޖަމިއްޔާއަށް ނިސްބަތްވާ މީހުނަށް ފިޔަވަޅު އެޅުމުގައި އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، އެމްޑީއެންގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވި ހިސާބުން އެމައްސަލަ މޯލްޑިވުސް ޕޮލިސް ސަރވިސްއަށް ހުށަހެޅި ކަމަށާއި އެކިއެކި މީހުނާއެކު އެމްޑީއެންގެ މައްސަލަ ހައްލުކުރުމަށްޓަަކައި މަޝްވަރާކުރެވުނު ކަމަށެވެ.

އެގޮތުން ފުލުހުން މިހާރުވެސް އެމްޑީއެންގެ މައްސަލާގައި ގިނަ މަސައްކަތްތަކެއް ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްޑީއެންގެ މައްސަލާގައި ހިމެނޭ މީހުންނަށް ފުލުހުން ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެބައޮތްކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއަކީ އެއްވެސް ހާލަތެއްގައި ބަޔަކަށް އަދަބުދޭން އޮންނަ ތަނެއް ނޫން ކަމަށެވެ. އެކަމުގެ މަސްއޫލިއްޔަތު ހަވާލުވެފައި އޮންނަތަނެއް ނޫން ކަމަށެވެ.

އެއްވެސް ހާލެއްގަ އަދަބު ދޭ ފަރާތެއްނޫން އިސްލާމިކް މިނިސްޓްރީ އަކީ. މިނިސްޓްރީން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެ މައްސަލައެއް ހުށަހަޅާނީ. މިނިސްޓްރީން ކަންތައްތައް ކުރަނީ ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން. އެގޮތަށް އެމްޑީއެންގެ މައްސަލަވެސް ކުރިއަށްދިޔައީ."
އިސްލާމިކް މިނިސްޓަރ

އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓްގެ މައްސަލާގައިވެސް އެ ޖަމިއްޔާގެ މީހުންނާ ބައްދަލުކޮށް ނަސޭހަތް ދީފައިވާނެ ކަމަށާއި މިނިސްޓްރީގެ ފަރާތުން އެ ކަންބޮޑުވުންތައް ފާހަގަކޮށްދިނުމުން އެޖަމިއްޔާއިން އެކަން އިސްލާހު ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދީނާ ޚިލާފު އެއްވެސް ވާހަކައެއް މީހަކު ދައްކައިފިނަމަ އެމީހަކާ މިނިސްޓްރީން ވާނީ ވާހަކަ ދައްކައި، ކަން އޮންނަ ގޮތް ބަޔާންކޮށްދީފައި ކަމަށާއި އަދި އެއީ ކޮންމެ ފަރާތަކަށް ވިޔަސް ފުރަތަމަ އަމަލުކުރާ އުސޫލަކީ އެ ފަރާތްތަކަށް ނަސޭހަތްދީ އެކަމެއް އިސްލާހުކުރަން އެންގުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރުގެ މިވާހަކަތަކާ ގުޅިގެން ޑރ. މުހައްމަދު އިޔާޒް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑރ. އިޔާޒް ވިދާޅުވީ، އުތެމަ ޖަމިއްޔާއަށް އިސްލާމިކް މިނިސްޓްރީން ހަމައެކަނި ނަސޭހަތް ދިނުމުން އަދި ނުފުދޭކަމަށެވެ.

ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައިވަނީ، އެއްވެސް ޖަމިއްޔާއަކަށް އަދި އެއްވެސް ފަރުދަކަށްވެސް އެގައުމެއްގެ ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތަކެއް ނުކުރެވޭނެ ކަމަށެވެ. ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލާފައި އަދަބު ދެވެން ޖެހޭނެ ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވެފައި ވެއެވެ.