ދިވެހިރާއްޖެއަށް ފަތުރުވެރިން އައުމުގައި ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށް އެމްޑީޕީން އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) ގައުމުތަކުގައި އެދިއްޖެއެވެ.

އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ ބައްދަލުވުމަށް ފަހު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އައިޑީޔޫ މެމްބަރު ގައުމުތަކުގައި ވަކިން ޚާއްސަކޮށް މިވަގުތު ސަރުކާރުގައި ތިބި އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން މެމްބަރު ގައުމުތަކުން ނުވަތަ ޕާޓީތަކުން ދިވެހިރާއްޖެއަށް އެގައުމުތަކުން ޓޫރިސްޓުން އައުމުގައި ލުއިދިނުމުގައި މަސައްކަތްކޮށް ދިނުމަށް އެމްޑީޕީގެ ފަރާތުން އެދިފައިވާނޭ ކަމަށެވެ.

އޭގެތެރޭގައި ޔޫރަޕިއަން ގައުމުތައް ހިމެނޭ ކަމަށާއި އެގޮތުން އޮސްޓްރިއާއި ޖާރމަނީ، ގްރީސް، ހަންގޭރިއާ، ނޯވޭ އަދި އިނގިރޭސިވިލާތާއި އެމެރިކާވެސް އައިޑީޔޫގެ ގައުމުތަކުގައި ހިމެނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިގައުމުތަކާއެކު ދިވެހިރާއްޖެއިން ދެކެވުނު ވާހަކަތަކަށް އެއްބަސްވެވުނު ކަމަށާއި އެ ގައުމުތަކުގެ ފޮރިން ރިލޭޝަން ކޮމެޓީއަށް އެމައްސަލަ ހުށަހަޅާނެ ކަމަށް އައިޑީޔޫގެ ގައުމުތަކުން ބުނި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއަށްފަހު ހުކުރު ދުވަހު ގޮތެއް މިކަމުގައި ނިންމަވާނެ އެ ގައުމުތަކުން ބުނެފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީއަކީ އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ މެމްބަރެއް. އަޅުގަނޑުމެން މި އަންނަނީ މި ޖަމާއަތުގެ ކޮންމެ ބައްދަލުވުމެއްގައިވެސް ބައިވެރިވަމުން. އަދި އަޅުގަނޑުމެންމާއެކު މި ސަރަހައްދުގެ އެތައް ގައުމުތަކެއްވެސް ބައިވެރިވޭ. ޚާއްސަކޮށް ސްރީލަންކާ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ."
ރައީސް ނަޝީދު

އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ނައިބު ރައީސް އާއި ފޮރިން ރިލޭޝަން ކޮމެޓީގެ ފަރާތުން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި މިނިސްޓަރ މާރިޔާ އަހުމަދު ދީދީ، ހާމިދު އަބްދުލްޣަފޫރާއި ޕާލަމަންޓްރީ ގުރޫޕުގެ ފަރާތުން ހުސެއިން ޝަމީމް ބައިވެރިވެވަޑައިގެންނެވި ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.