ކޮވިޑް-19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭން ނިންމި އެލަވަންސް ދޭން ފަށައިފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރެއާއިދުވާލު އެކި ދާއިރާތަކުގެ މަސައްކަތްތެރިން ކުރީ ސަފުގައި މަސައްކަތް ކުރަމުންދާއިރު، މިފަދަ މަސައްކަތްތެރިންނަށް ހާއްސަ އެލަވަންސެއް ދޭން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހާމަކުރެއްވާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.

އެހެންނަމަވެސް މި އެލަވަންސް ދޭން ފަށާފައިވަނީ އޭގެ މަހަކަށްވުރެ ގިނަދުވަސް ފަހުންނެވެ.

އިއްޔެއިން ފެށިގެން މި އެލަވަންސް ދޭން ފަށާފައިވާއިރު ފިނޭންސް މިނިސްޓްރިން ބުނީ ފްރަންޓްލައިންގައި މަސައްކަތްކުރާ 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއީ ރާއްޖެއިން ފުރަތަމަ ކޮވިޑް ފެނުނު ދުވަސްކަމަށްވާ 7 މާޗްއިން ފެށިގެން ޖޫންމަހުގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެންވާ ފައިސާ ކަމަށެވެ.

ފްރަންޓްލައިންގައި މަސައްކަތްކުރާ އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުންގެންދާނެ ކަމަށާއި، ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަސައްކަތްތައް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ފްރަންޓްލައިން އެލަވަންސް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ކެޓެގަރީތަކަކަށް ބަހާލައިގެންނެބެވެ.

އެގޮތުން ހައިރިސްކު ކެޓެގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500ރ. ދިނުމަށާއި، މީޑިއަމް ރިސްކު ކެޓެގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 250ރ. ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މި ދެ ކެޓެގަރީގައި ނުހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 200ރ. ދިނުމަށް ވަނީ ނިންމާފައެވެ.