އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކުޑަކުރަން ކަސްޓަމްސް ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގަނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ އެއްގޮތަށް އަންނަމަހުގެ 1 ވަނަ ދުވަހު އަމަލުކުރަން ފަށާއިރު، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ތަކެތިން އިމްޕޯޓް ޑިއުޓީވަނީ ކުރިއަށްވުރެ ދަށްކޮށްފައެވެ.

އިމްޕޯޓް އެކްސްޕޯޓް ގަނޫނަށް ގެނެވުނު އިސްލާހުގައި ރާއްޖެ އެތެރެކުރާ އިންވަރޓަރ އެއާކޮންޑިޝަނަރ އިން މިހާރު ނަގަމުން އަންނަ 20 އިންސައްތަ އިމްޕޯޓް ޑިއުޓީ އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަނޑާލާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަދި އެއަރކޮންޑކިޝަނަރ އިން މިހާރު ނަގާ 20 އިންސައްތަ އިމްޕޯޓް ޑިއުޓީ އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން 10 އިންސައްތައަށް ކުޑަކުރާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ޑޮމެސްޓިކް ދޮންނަ މެޝިނުން މިހާރު ނަގަމުން އަންނަ 20 އިންސައްތައިގެ އިމްޕޯޓް ޑިއުޓީވެސް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަނޑާލާނެ ކަމަށާއި، ބޭބީ ކެރިޖާއި އޭގެ ބައިތަކުން މިހާރު ނަގަމުން އަންނަ 15 އިންސައްތައިގެ ޑިއުޓީވެސް އަންނަ މަހުންފެށިގެން ކަނޑާލާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މީގެއިތުރުން ފެން ފިލްޓަރ ކުރުމަށާއި، ސާފު ކުރުމަށް ބޭނުންކުރެވޭ ގެވެހި ސާމާނުން ނަގަމުންދާ 20 އިންސައްތައިގެ އިމްޕޯޓް ޑިއުޓީވެސް ކަނޑާލާނެ ކަމަށާއި، ލެބް ބޮތްކާއި، އެހެނިހެން ހަކަތަ ސަމަކާރަ ބޮކިން މިހާރު ނަގާ 20 އިންސައްތައިގެ ޑިއުޓީވެސް ކަނޑާލާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މޭޒުމަތީގައާއި ތަޅުމުގައި ބަހައްޓާ ފަންކާއައި ސީލިންގް އަދި ފާރުގައި ހަރުކުރާ ފަންކާއިން މިހާރު ނަގާ 20 އިންސައްތައިގެ އިމްޕޯޓް ޑިއުޓީވެސް 1 އޯގަސްޓްއިން ފެށިގެން ކަނޑާލާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ އިމްޕޯޓް ޑިއުޓީއިން ނަގަމުން އައި ޑިއުޓީއަށް ބޮޑެތި ބަދަލުތަކެއް ގެނެވުމާއެކު ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.