ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުމަށްފަހު 27 ތަނެއް ބަންދުކޮށްފިއެވެ.

ލޮކްޑައުންއަށް ލުއިދިނުމަށްފަހު ކެފޭ ރެސްޓޯރެންޓު އަދި ފިހާރަތަކާއި ޖިމްތައްފަދަ ތަންތަން ހުޅުވުމުގެ ހުއްދަ ދިންއިރު މިތަންތަނުގެ ކަންކަން ވަކި އުސޫލެއްގެ ދަށުން ހިންގުމަށް އެޗްޕީއޭއިން ވަނީ ގައިޑްލައިންއެއް އެކުލަވާލާފައެވެ.

އެ ގައިޑްލައިންއާއި އެއްގޮތަށް އަމަލުކުރަމުންދާ ތަންތަން ބެލުމަށް މީގެކުރިންވެސް އެޗްޕިއެއިން ވަނީ އިންސްޕެކްޝަނެއް ކުރިއަށްގެންގޮސްފައެވެ.

މިކަމުގެ ދެވަނަ އިންސްޕެކްޝަނއެއް އިއްޔެ ފަށާފައިވާއިރު، މި އިންސްޕެކްޝަންގެ ތެރެއިން އިއްޔެ އެކަނިވެސް 52 ތަނެއް އިންސްޕެކްޓް ކުރެވިފައިވާކަމަށް އެޗްޕިއޭއިން ބުނެއެވެ. މީގެތެރެއިން ގައިޑްލައިންއާއި ހިލާފަށް އަމަލުކޮށްފައިވާ 27 ތަނެއް ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިތަންތަނުގެ ތެރޭގައި 1 ސެލޫނާއި، 9 ފިހާރައަކާއި، 17 ކެފޭ ރެސްޓޯރެންޓް ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 އާ ގުޅިގެން އައު އާންމު ހާލަތަށް ރުޖޫއަވުމަށްޓަކައި އާންމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރި ކަމާއެކު ޚިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ހިދުމަތްދޭ ތަންތަނުން ހިދުމަތްދިނުމުގައި އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން ހިދުމަށް ދިނުމަށް އެއެޖެންސީން އިލްތިމާސްކުރެއެވެ.