ކޮވިޑް-19 އާއި ގުޅިގެން މުއްސަނދީން ކުރަމުންދިޔަ ހޭދަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް ހުއްޓުމަކަށް މިވަނީ އައިސްފައެވެ. މިކަމާއި ގުޅިގެން އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ އެމީހުންކުރާ ހޭދައަށް ބަރޯސާވެގެން ތިބޭ މަސައްކަތްތެރީންނަށެވެ.

މިއީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ފައިސާ ރައްކާކޮށްގެން ނުވަތަ އާމްދަނީން ލިބޭ މަންފާ ރައްކާކޮށްގެންތިބި މީހުންގެ ފަރާތުން މަސައްކަތްތެރީން އިނދަޖައްސައިލި ފުރަތަމަ ފަހަރެވެ. އެންމެ ބޮޑަށް އިނދަޖެހިގެން ދިޔައީ މުއްސަނދީން ކަމަށް އެމީހުން އަމިއްލައަށް ބުނެއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ޤައުމު ކަމުގައިވާ އެމެރިކާގެ މެންހެޓަންގެ ލިންކަން ސެންޓަރުގެ ކައިރި ހިސާބު ރެސްޓޯރެންޓުތަކުގައި ކެއުމަށްފަހު ބިލްދައްކައިފައިދާ މީހާ ހަދިޔާއެއްގެ ގޮތުގައި ވެއިޓަރަށްދޭ އެއްޗެއް އެކިފަހަރު އެކި މިންވަރަށް ހުރެއެވެ. އަދި ސަޤާފީ މިއުޒިކް ޝޯއެއް އޮންނަ ކަމަށް ބުނާނަމަ އޭގެ މާނައަކީ ރެސްތޯރެންޓަށް ވަންނަ މީހާގެ ކެއުމުގެ ތެރެއިން އެ ޝޯ އޮންނާނެ ކަމެވެ. މިއީވެސް އާމްދަނީ އިތުރުކުރުމަށް ކުރާ ކަމެކެވެ.

މި ސެންޓަރުގެ ކައިރީގައި ނުވަތަ އެތާނގައި އޮންނަ ތަފާތު ޝޯތަކަކީ އެތާނގެ ޖާފަތް ހޯލުގެ އެކި ބަދިގެތަކުގައި ޚިދުމަތްދޭ މީހުނަށް ހަދިޔާގެ ގޮތުގައިވެސް ކޮންމެވެސް އެއްޗެއް ލިބޭ ބައެކެވެ. ނަމަވެސް ކޮރޯނާ ވައިރަހާއި ގުޅިގެން އެކަންވެސް ވަނީ ހުއްޓިފައެވެ.

ބައެއް ރެސްޓޯރެންޓުތަކަކީ ސޯލޯ ޝޯވތައް ދެމުން އަންނަ ތަންތަނެވެ. އަދި ބައެއް ތަންތަނަކީ މިއުޒިކް ގުރޫޕުތަކުގެ ފަރާތުން މުނިފޫހި ފިލުވައިދިނުމުގެ ޙަރަކާތްތައް ބާއްވާ ތަންތަނެވެ.

ދިވެހި ރާއްޖޭގައިވެސް ބޮޑުބެރާއި ޒަމާނީ މިއުޒިކާއި ނެށުންފަދަ ޝޯވތައް ބައެއްފަހަރު ބައެއް ރެސްޓޯރެންޓުފަދަ ތަންތަން ހުޅުވާ ދުވަހު ބާއްވައެވެ. ނަމަވެސް ދިވެހީންގެ ގިނަ ފަންނާނުން ބަރޯސާވެގެން ތިބީ ފަތުރުވެރި ރިޒޯރޓުތަކަށެވެ.

ކަން މިހެން އޮތް ނަމަވެސް ރާއްޖޭގެ މަދު ރިޒޯރޓަކުންނޫނީ ރާއްޖޭގެ ފަންނާނުންނަށް އެފުރުޞަތު ނުދޭކަން ފާހަގަ ކޮށްލެވެއެވެ. ޢާންމު ގޮތެއްގައި ރިޒޯރޓުތަކުގައި އެމީހުންގެ އަމިއްލަ ބޮޑުބެރު ގުރޫޕެއް ގެންގުޅެއެވެ. އަދި އެމީހުންގެ ޝޯވއެއް އޮތްނަމަވެސް އެއީ މާބޮޑު އަގެއްދީގެން ކުރުވާ ކަމެއްވެސް ނޫނެވެ.

ކޮރޯނާ ވަބާގެ އަނިޔާވެރިކަން ވެގެން ގޮސްފައިމިވަނީ މިބާވަތުގެ ވަޒީފާތައް އަދާކުރާމީހުން އިނދަޖައްސައިލި ހަތިޔާރަކަށެވެ. އަދި އަމިއްލަ މަސައްކަތްތައްކުރާ އެކަކު އަނެކަކާ ބައްދަލުވެ ކުރުވާ މަސައްކަތްތަކަށް ހުއްޓުންގެނެސް އެމީހުންނަށް އަތާ އަނގަޔާވެސް ދިމާނުވާ ވަރަށެވެ.

ސަރުކާރުންވަނީ އަމިއްލަ މަސައްކަތްކުރާ މީހުނަށް ޕެކެޖެއް ތަޢާރަފް ކޮށްފައެވެ. އޯގާތެރިކަމާ ދީލަތިކަން ދެއްކުމުގެ ނަމުގައި މި ޕެކެޖެއް ތަޢާރަފް ކޮށްފައިވާއިރު ވަކި ދުވަސްތަކެއްގެ ވަކި ވަގުތުތަކެއްގައިނޫނީ އެ ޕެކެޖަށް ހުށަހެޅޭކަށް ނޯވެއެވެ. ކޮންމެ މަހެއްގެ ވަކި ތާރީޚެއްގެ ކުރީން ކޮންމެ ފަހަރަކު އެ އެހީއަށް އެދެން ޖެހުނެވެ. ކޮރޯނާ ވައިރަސްގެ އިނދަޖެހުމުން އަރައިގަނެވެންދެން ނުވަތަ ޙާލަތު ރަނގަޅުވަންދެން ކަމުގެ ޟަރޫރަތަށްބަލައި މުއްދަތަކަށް އެކަން ދެމެހެއްޓުމުގެ ވިސްނުމެއް ނެތެވެ. ވަރަށްކުރު މުއްދަތެއްނޫނީ ދީފައެއް ނުވެއެވެ.

ބޭސްސިޓީއަށް ސަލާންޖަހަން ނުޖެހޭނެކަމަށް ބުނަމުންދިޔައިރު ޤާނުނޫއަސާސީ ދިޔައީ އިޞްލާޙުކުރަމުންނެވެ. ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންގެ މެނިފެސްޓޯތަކުގައި ޤައުމުގެ ޞިއްޙީ ނިޒާމުން ހިލޭ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމުގެ ވަޢުދުތައް ގެންދެވީ ނިކަމެތީން ހިތްރުހޭނެހާ ރީތި ހުވަފެންތަކުގެ ތެރެއަށް ލައްވަވައިގެންނެވެ.

ހަމަ އެމަޖިލީހުން މިއަދު ފެންނަނީ އެހެން މަންޒަރެކެވެ. ކޮރޯނާ ވައިރަހާއެކު ޤައުމު ލޮކްޑައުނަކަށް ދިއުމުން އަވަސްވެގަތީ މަދަނީ ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރާށެވެ. އެކަން ކުރެވެން އޮތީވެސް އެހެންނެވެ. ނަމަވެސް ލޮކްޑައުނުން ދޫވާ ހިސާބުން އިންތިޚާބު ބޭއްވެވުމުގެ ވިސްނުމެއް ނެތެވެ. ކައުންސިލްތަކުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ޤާނޫނީ މުއްދަތު މިވަނީ ހަމަވެގެން ގޮސްފައެވެ. އިންތިޚާބާބެހޭ އިދާރާގެ ބަހަކީ ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވާނެ ކަމަށެވެ. އަހަރު ދެއަހަރު ވިޔަސް ފަރުވާލެއް ނެތް ކަމުގައެވެ. ނަމަވެސް ކައުންސިލްތަކުގެ ޤާނޫނީ ދައުރު ހަމަވެ އެއްވެސް ބާރެއްނެތް މޮހުނަށް އޮތް އޮޑިއެއްގެ ގޮތުގައެވެ.

ރައްޔިތުންގެ މަޖިލީހުން މަދަނީ ކައުންސިލްތަކުގެ އިންތިޚާބާއިބެހޭ ޤާނޫނަށް އިޞްލާޙެއް ގެނެސް އިންތިޚާބުވަނީ އަހަރު ދުވަހުގެ ދިގުމިނަށް ފަސްކޮށްފައެވެ. ނަމަވެސް އެއީ އަހަރު ދުވަހުގެ ތެރޭގައި ބޭއްވޭ ގޮތަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެ މުއްދަތުގެ ތެރޭގައި ނުބޭއްވޭނެ ކަމަށް ބުނެފައި ނުވާ ކަމަށެވެ. އެހެންވީމާ މިހާރު ލޮކްޑައުން ނިމުމަކަށް އައިސްފައިވުމާއެކު މިއަހަރުގެ ތެރޭގައިވެސް އިންތިޚާބު ނުބޭއްވޭނެ ސަބަބެއް ނެތެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންނަ އަހަރުގެ ރޯދަމަހުގެ ކުރީން މަދަނީ ކައުންސިލްތަކުގެ އިންތިޚާބު ބާއްވާނެ ކަމަށެވެ. އެކަމަކު ތާރީޚެއް ކަނޑައަޅައިފައެއް ނުވެއެވެ.

މަދަނީ ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެވިފައިވާއިރު މަދަނީ ކައުންސިލްތަކުގެ ޤާނޫނަށް ގެނައި އިޞްލާޙުތަކުގައި ވަނީ މަދަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށްފައެވެ.

މިއަހަރުގެ ޖޫންމަހުގެ ފުރަތަމަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލް 2020 ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައި ގެޒެޓް ކުރެވުނީ ޖޫންމަހުގެ 2 ވަނަ ދުވަހުއެވެ.

އެބިލް ގާނޫނަކަށް ވުމާއެކު، ބައެއް ބާރުތައް ކައުންސިލްތަކަށް ބޭނުން ކުރެވޭނީ ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ހޯދުމަށް ފަހުގައެވެ. އަދި މިހާރު އޮތް އެލްޖީއޭގެ ބޯޑު އުވައިލުމަށްފަހު، ހަތްދުވަހުގެ ތެރޭގައި އާބޯޑެއް އައްޔަން ކުރަންވެސް އެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކުރެއެވެ.

ގާނޫނު ބުނާގޮތުން އާ ކައުންސިލް މެމްބަރުން ހުވާ ކުރެވެންދެން، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތްތަކާއި ބިންތައް ވިއްކުމާއި ހަމަހަށް ވުރެ ދިގު މުއްދަތަށް ކުއްޔަށް ދިނުމާއި ކައުންސިލް ޒިންމާވާ ގޮތަށް ދަރަނި ނެގުމާއި އާންމު ޚިދުމަތްތަކަށް އިންވެސްޓް ކުރުމާއި ރައްޔިތުންގެ ނަމުގައި ހުރި ފައިސާއިން ޚަރަދު ކުރުމާއި މުވައްޒަފުން ވަކި ކުރުމާއި އައްޔަން ކުރުމުގެ ކަންކަން ކުރުމަށް އެލްޖީއޭގެ ހުއްދަ ހޯދަން ޖެހެއެވެ.

އަދި ގާނޫނީ އަދަދު ހަމަނުވާ ކައުންސިލްތަކުން މަސައްކަތް ކުރަންޖެހޭ ގޮތުގެ އުސޫލުތައް އެލްޖީއޭއިން އެކުލަވާލަން ޖެހޭއިރު، މަގާމެއް ހުސްވިޔަސް، ވަގުތީ ކައުންސިލްތަކަށް އާ މެމްބަރުން އިންތިޚާބު ކުރުންވެސް އެ ގާނޫނުގެ ދަށުން މަނާ ކުރެއެވެ.

ކޮވިޑް-19 އިގެ ލޮކްޑައުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި، މެންދަމެއްގެ ހަމަހިމޭންކަން ގެއްލުވައިލާ އަވަސް އަރުވައިލައިގެން މި ދެބިލް ފާސްކުރިއިރު މިބިލްތަކާއި މަޖިލީހުގެ ޖަލްސާއާއިމެދު ޚިޔާލު ތަފާތުވުންތައް އޮތީ ބޮޑުވެފައެވެ. ޖަލްސާ ހަމަނުޖެހުންގަނޑަކަށްވެސް ދިޔައިރު މިބިލްތަކާއިމެދު ސުޕްރީމް ކޯޓުގެ ލަފަޔަކަށްވެސް އެދިފައިވެއެވެ.

ކޯޓުން ލަފާދީފައިވަނީ ޤާނޫނުއަސާސީ އިޞްލާޙު ނުކޮށް އެކަމަށް ޙައްލެއް ނުހޯދޭނެ ކަމުގައެވެ.

ކޮވިޑް-19 ގެ ނުރައްކާ އޮތީ ހަމައެކަނީ އިންސާނުންގެ ޞިއްޙަތަކަށްނޫނެވެ. އިންސާނުންގެ ދިރިއުޅުމާ ގުޅިފައިވާ ހުރިހާ ކަމަކަށެވެ. ސަރުކާރުތައް ހިންގުމާއި އިދާރީ އޮނިގަނޑުތަކަށެވެ. ޢާންމު ހެލިފެލިވުމާއި ޤާނޫނީ ޙައްޤުތަކާއި ހަމަތަކުގެ ތެރެއަށްވެސް މެއެވެ.

ކޮވިޑް-19 އަށްފަހު މިއަދު ދުނިޔެ މަޑުމަޑުން ހުޅުވެމުން ދިޔަނަމަވެސް މި ވައިރަހުގެ ވަބާ ދަނީ ދުނިޔެއަށް އިތުރު ދަތިތައް ކުރިމަތި ކުރުވަމުންނެވެ. ބަލި ފެތުރެމުންދާ ނިސްބަތް ބޮޑުވެ ބަލީގެ ނުރައްކާއެންމެ ބޮޑު ޤައުމުތަކުގައި މީހުން މަރުވާ ޢަދަދުވެސް އިތުރު ކުރަމުންނެވެ. އެގޮތުން އެމެރިކާގައި މިއަދު އެކަނިވެސް 1400 އަށްވުރެ ގިނަމީހުން މަރުވި ކަމަށް ރެކޯރޑް ކުރެވިފައިވެއެވެ.

އަދި މުޅި ދުނިޔޭގައި 17 މިލިއަނަށްވުރެ ގިނަ މީހުން މިބައްޔަށް ފައްސިވެފައިވާއިރު ބަލިން ރަނގަޅުވީ ގާތްގަނޑަކަށް 10 މިލިއަން މީހުނެވެ. އަދި މަރުވި ޢަދަދު 6.7 ލައްކައަށްވުރެ އިތުރު ވެފައިވެއެވެ.

ނަމަވެސް މި ޢަދަދަކީ ބައެއް ޞިއްޙީ ތަޖުރިބާކަރުންނާއި ދުނިޔޭގެ ބައެއް ލީޑަރުންގެ މާބޮޑު ކަންބޮޑުވުމެއް އޮތްކަމެއް ނޫންކަމަށް ދުނިޔޭގެ މީޑިއާތަކުން ބުނެއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފަދަ ބޭފުޅުން ދެކިވަޑައިގެންނެވީ މިއީ މިއަހަރުގެ ހޫނު މޫސުމުގެ ތެރޭގައި ފަނޑުވެގެން ހިނގައިދާނެ ބައްޔެއް ކަމުގަވެ. އެހެން ނަމަވެސް މިނުރައްކާތެރިވަބާ ދަނީ ހީކުރެވެމުންދިޔަ ވަރަށްވުރެވެސް ހަލުވިކޮށް ފެތުރެމުންނެވެ.

މި ބަލި ޗައިނާއިން ފުރަތަމަ ފެނުނު ހިސާބުން ފެށިގެން އެއްމިލިއަން މީހުނަށް ޖެހުމަށް 4 މަސްދުވަސް ނަގައިފައިވެއެވެ. އަދި އެއަށްފަހު މަޑުމަޑުން ފެތުރެމުން އޭގެ ދުވެލިވަނީ ވަރަށް ހަލުވިވެގެން ގޮސްފައެވެ. އަދި ހަފްތާއަކު މިލިއަނެއްހާ މީހުނަށް މިބަލި ދިޔައީ ޖެހެމުންނެވެ.

ދިވެހި ރާއްޖޭގައި 3 މަސްދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 2 ހާހަށްއެިއިރު ލޮކްޑައުން ނިމިގެން ދިއުމާއެކު މަސްދުވަސް ނުވަތަ ދޮޅުމަސްދުވަހުގެ ތެރޭގައި އެއްހާސް މީހުން މިބައްޔަށް ފައްސިވެފައިވާކަމަށް އެޗްއީއޯސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެކެވެ.

މީގެއިތުރުން މިހާރު މިއޮތް ރެކޯޑް ޢަދަދަށް ބަލާއިރު މިބަލިޖެހޭ މީހުން ނުވަތަ ފެތުރެމުންދާ ޢަދަދަކީ ފުރިހަމަ ޢަދަދު ނޫންކަމަށް ގިނަ ބަޔަކު ޤަބޫލުކުރާއިރު ބަލިފެތުރޭ ގޮތް ހޯދުމަށްވަނީ އުނދަގޫވެފައެވެ. ސަބަބަކީ އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މިބަލި އަރާއިރު އެއީ ކޮންކޮން ބައެއްކަން އެންމެ ރަނގަޅަށް ސާފު ނުވުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ސިއެޓްލްގެ ޔުނިވަރސިޓީ އޮފް ވޮޝިންގޓަންގެ ހެލްތު މެޓްރިކް ސައިންސް ޕްރޮފެސަރ ޢަލީ މިޤުދާދު ވިދާޅުވީ ކޮވިޑް-19 ގެ ނިމުން އަދި އޮތީ ފެންނަ ހިސާބެއްގައި ނޫންކަމަށެވެ. މި ވަބާގެ ސައިޒު އަދި ނުފެންނަ ކަމަށެވެ. އެހެންވީމާ މިއީ ސްޕެނިޝް ފުލޫހާ ނުރައްކާ އެއްޗެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ސައިންސާއި ބޭސްވެރިކަން އެންމެ ކުރިއަރައިފައިވާ މި ޒަމާނުގައި މިއީ 1918 ވަނަ އަހަރު 500 މިލިއަން މީހުނަށް ޖެހުނު ބައްޔާއި އެއްވަރުގެ ބައްޔަކަށް ވެގެން ހިނގައިދާނެ ކަމުގެ ބިރު ހީވާނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

މިބަލި، ދުނިޔޭގައި ފެތުރެމުންދާއިރު އެމެރިކާގައި މިހާރު 4.6 މީހުނަށް މިބަލި ޖެހިފައިވާ ކަމަށް ރިޕޯރޓުތައް ބުނެއެވެ. އަދި އެންމެ ފުރަތަމަ ޗައިނާއިން މިބަލި ފެނުމަށްފަހު ޔޫރަޕަށް ފެތުރި މިހާރު މިބަލި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައިވެސް ވަނީ ކަންބޮޑުވުމަކަށް ވެފައެވެ. އެހެންވީމާ ބަލީގެ ނާރެސް ބަދަލުވެ އިންޑިއާއި ބްރެޒިލް ފަދަ ޤައުމުތަކުގެ ޞިއްޙީ ނިޒާމު އޮތްގޮތްވެސް ދަނީ ސާފުވަމުންނެވެ.

މާރޗްމަހުގެ ފަހުކޮޅުންފެށިގެން އެމެރިކާއަކީ މިބަލި އެންމެ ބޮޑަށް ފެތުރުނު ޤައުމަށްވެ މިހާރުވެސް ދަނީ އެ ޤައުމުގައި މިބަލި ޖެހޭ މީހުން ގިނަވަމުންނެވެ. އެމެރިކާގެ ޝަހަރުތަކުގައި ކޮންމެ ދުވަހަކު ބަލީގެ ޢަލާމާތްތައް އިތުރުވަމުން ދިއުމާއެކު އިޤުތިޞާދު ހުޅުވައިލުމުގެ ވިސްނުން މިހާރުވަނީ ބަދަލު ކޮށްފައެވެ. އެމެރިކާގެ އެންމެ ބޮޑު ސިޔާސީ ދެޕާޓީން ގެންދަނީ ލޮކްޑައުންނާއި އިޤުތިޞާދު އިނދަޖެހުމުގެ މައްސަލައިގާ އެއްބަޔަކު އަނެއް ބައެއް ކުށްވެރި ކުރަމުންނެވެ.

ޞިއްޙަތާބެހޭ އޮފިޝަލުންނާއި ސަރުކާރުތަކުން މިހާރު ޤަބޫލުކުރަމުން ގެންދަނީ މިވަބާ ފެތުރުމުގެ ކުރީން އޮތް ޙާލަތަށް އަވަސް މުސްތަޤުބަލެއްގައި ނުދެވޭނެ ކަމަށެވެ. އެހެން ނަމަވެސް މިބަލި ކޮންޓްރޯލް ކުރުމަށް އަޅަންފެށި ފިޔަވަޅުތަކާއެކު އިޤުތިޞާދުތަކަށް އެރި ލޮޅުމާއި ޢާންމުންގެ ހޭލަމޭލަ ހުއްޓުމަކަށްގެނައުމާއި ގުޅިގެން ހޭދައިގެ މިންވަރު މަދުވެ އާމްދަނީގެ މަގުތައް ވަނީ ބަންދުވެފައެވެ.

ކޮވިޑް-19 ގެ އަސަރުތައް މިހާރު މީހުން މަރުވާ ނިސްބަތަށްވުރެ ބޮޑުކޮށް ފެންނަން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ. ސަބަބަކީ މިހާރުވެސް އިޤުތިޞާދަށް ކޮށްފައިވާ އަސަރުތައް އެއް އަހަރަށްވުރެ ދިގުވެދާނެ ކަމުގެ ބިރު އޮތުމާއެކު އެއީ ފަޤީރު ޤައުމުތަކަށް އެހީދޭ މިންވަރު މަދުވެ ވެކްސިނާއި އެނޫންވެސް އަބަދު ބޭސްކާން ޖެހޭ ބަލިތަކުގެ ވެކްސިން ގަތުމަށް ފައިސާ ލިބުން މަދުވުމުގެ ކަންބޮޑުވުން އޮތުމުންނެވެ.

މިހާރުވެސް ޢާންމު ދިރިއުޅުން ވަރަށް ބޮޑު ހަލަބޮލި އަދި ފިކުރުބޮޑުވުމެއްގެ ތެރޭގައި އޮތްއިރު އިތުރު ލޮކްޑައުންތަކާ އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތަކަކީ ސުވާލެއްވެސް އުފެދޭނެ ކަމެއް ނޫނެވެ. އަދި ލޮކްޑައުނަށް ދިއުމަކީ ވަރަށް ވޭންދެނިވި ކަމަކަށް މިހާރުވެސް ވަނީ ވެފައެވެ. އެހެންވީމާ ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުން އެ މިންގަނޑުތައް އުފުއްލަވައިގެން ކެތްކުރައްވާނީ ކިހާ މިންވަރަކަށްތޯ ވަނީ ސުވާލު އުފެދިފައެވެ.