ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކު ހައްޖުގެ މަތިވެރި އަޅުކަން އިއްޔެވަނީ ފެށިފައެވެ.

ހައްޖުގެ އަޅުކަމަށް މައްކާއަށްދާ މީހުން އެންމެ ފުރަތަމަ ފުރިހަމަކުރަންޖެހޭ ޠަވާފުލް ޤުދޫމް (ޠަވާފް އޮފް އެރައިވަލް) އިއްޔެވަނީ ފުރިހަމަކޮށްފައެވެ.

ޠަވާފުލް ޤުދޫމް ފުރިހަމަކުރަން ހައްޖުވެރިން މައްކާގައި ހުންނަ މަސްޖިދުލް ހަރަމްއަށް އިއްޔެ ގޮސްފައިވަނީ މައްކާގައި އައިސޮލޭޝަންގައި ތިބުމަށް ފަހުގައެވެ. މައްކާގައި އައިސޮލޭޝަންއަށް ދިއުމުގެކުރިން އެ ހުރިހާ އެންމެން މައްކާއަށް ގޮސްފައިވަނީ ގޭގައި ކަރަންޓީނުގައި ތިބުމަށްފަހުގައެވެ.

މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެންމެން އިއްޔެވަނީ މިނާއަށް ގޮސްފައެވެ. މިނާ އޮންނަނީ މައްކާގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައެވެ.

އަދި މިއަދު ހުރިހާ ހައްޖުވެރިންވަނީ އަރަފާތުގައި ހުންނަ މަސްޖިދުއް ނަމިރާއަށް ޖަމާވެފައެވެ.

ހައްޖުގެ އެންމެ މުހިއްމު ފަރުޟަކީ އަރަފާތުދުވަހު އަރަފާތު ބިމުގައި ވަގުތުކޮޅެއް ހޭދަކުރުމެވެ. ހައްޖު ދުވަހު އަރަފާތު ބިމަށް ނުދެވޭ މީހާއަށް ހައްޖެއް ނުލިބޭނެއެވެ. އަރަފާތު ބިމުގައި ހައްޖުވެރިން މުޅިދުވަސް ހޭދަކުރާނީ ގުރުއާން ކިޔެވުމާއި އަޅުކަމުގައެވެ.

އަރަފާތު ދުވަހުގެ ޚުޠުބާ މިއަދު ދީފައިވާއިރު، ހައްޖުވެރިން މެންދުރުނަމާދާއި އަސްރުނަމާދުވެސް ޤަސްރުކޮށް ޖަމްޢުކޮށް ކޮށްފައިވަނީ އަރަފާތު ބިމުގައެވެ.

ޝައިޚް އިމާދް ބަކްރީ މަސްޖިދުއް ނަމިރާގައި މިއަދުގެ މެންދުރުނަމާދު ބަންގިގޮވަނީ:
މިއަހަރުގެ ޙައްޖު ޚަޠީބު، އުމުރުފުޅުން 92 އަހަރުގެ ޝައިޚް އަބްދުއްރަހްމާން ބިން ސުލައިމާން ބިން މުހަންމަދު އަލް މަނީއާ މަސްޖިދުއް ނަމިރާގައި ޙައްޖު ޚުޠުބާ ދެއްވަނީ:
ހައްޖުވެރިން މަސްޖިދުއް ނަމިރާގައި:

އަރަފާތު ބިމުގައި ތިބުމަށް ކަނޑައަޅާފައިވާ ވަގުތު ފުރިހަމަވުމުން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. ޖަމްރާއަށް އުކަން ކޮންމެ ހައްޖުވެރިޔަކު ހިލަކޮޅުތައް ހޮވާނީ މުޒްދަލިފާގައި ތިބޭ ތިބުމުގައެވެ.

މުޒްދަލިފާގައި ރޭ ކުރުމަށްފަހު ހައްޖުވެރިން އެނބުރި މިނާއަށްގޮސް ތިން ޖަމްރާއަށް ހިލައުކަން ފަށާނީ މާދަމާއެވެ. ޖަމްރާއަށް ހިލައުކުން ތިންދުވަހަށް ދެމިގެންދާނެއެވެ.

ސައުދީ ސަރުކާރުގެ ޑެޕިއުޓި މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. އަބްދުލް ފައްތާހް މަޝްހަތު ވިދާޅުވީ، ހައްޖު އަޅުކަމުގެ ކަންކަން މިހާތަނަށް ގޮސްފައިވަނީ ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި، އިޖުތިމައީ ގައިދުރުކަމާ އެކުގައިކަމަށެވެ.

ސައުދީ ސަރުކާރުންވަނީ ކޮންމެ 50 ހައްޖުވެރިޔަކަށް ހެލްތު ލީޑަރެއް ކަނޑައަޅާފައެވެ. އެގޮތުން، އެ ގްރޫޕެއްގެ ބަޔަކު އިޖުތިމާއީ ގައިދުރުކަން ގާއިމްކުރޭތޯއާއި، މާސްކް އަޅާތޯއާއި، ސިއްހީ ރައްކާތެރިކަމަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް އަމލުކުރޭތޯ ހެލްތު ލީޑަރު ކަށަވަރުކުރެއެވެ.

ކޮވިޑް-19 ބަލިމަޑު ހާލަތާހެދި މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންގެ ތެރެއިންނާއި، އެގައުމުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން އެކަމަށް ކަނޑައެޅި ޝަރުތުފުރިހަމަވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކެވެ.

ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު 10،000 އަށްވުރެ ގިނަ ނުވާނޭ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވާއިރު، ހައްޖުގެ އަޅުކަމުގައި މިފަހަރު ބައިވެރިވާ މީހުންގެ ސީދާ އަދަދެއް ސަރުކާރުން އަދިވެސް ހާމައެއް ނުކުރެއެވެ.