އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ނައިބު ރައީސް ބައްލަވާލައްވާފައިވަނީ، އެ ހޮސްޕިޓަލުގެ އިސް އޮފިޝަލެއް ކަމަށްވާ ބާބޫ މެނަންއާއި މިއަދު ފޯނުން ގުޅުއްވައި، ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ބާބޫ މެނަންއާއި ފޯނުން ގުޅުއްވައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ވެސް، ދިވެހި ބަލިމީހުންނަށް ސިއްހީ ފަރުވާދިނުމަށް އިންޑިއާއަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ގައުމުގައި ސިއްހީ ފަރުވާ ހޯދުމުގެ މަގު ފަހިކޮށްދިނުމުގައި އިންޑިއާ ސަރުކާރުން އަދާކުރައްވާފައިވާ ދައުރު ފާހަގަކުރައްވާ ގިނަ ވާހަކަތަކެއް އެމަނިކުފާނު ދެއްކެވިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތި ހާލަތުގައިވެސް، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންނަށް ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ކޮވިޑް-19 އާއި ގުޅިގެން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާމެދު ސުވާލު ކުރައްވާފައެވެ.

އަދި އެކަންކަން ހައްލުކޮށް، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް އެމަނިކުފާނު އޮޅުންފިލުއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލިމީހުންގެ ހާލު ނައިބު ރައީސް ވަނީ ވަކިވަކީން އައްސަވާފައެވެ.

އަދި ވަކިން ޚާއްސަކޮށް، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ބޭސް ފަރުވާއަށް އެ ހޮސްޕިޓަލަށް ދަތުރުކުރި ދިވެހިންނާއި ގުޅޭ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވައި، އެމީހުންގެ ކަންކަން ވަރަށް ގާތުން ބެލުމަށް ބާބޫ މެނަންގެ ކިބައިން އެމަނިކުފާނު އެދިވެޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެއިތުރަށް ނައިބު ރައީސް ވަނީ ކުރިއަށް އޮތް ތަނުގައިވެސް، އަމްރީތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހީން ސިއްހީ ފަރުވާ ހޯދުމުގައި ޚިޔާރުކުރާނެ ހޮސްޕިޓަލެއްކަން ފާހަގަކުރައްވާ، އެ މީހުންނަށް ބޭނުންވާ ޚިދުމަތްތަކާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އަދި އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގައި ވެސް ބާބޫ މެނަންއާއި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.