އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަނުން ބަނގްލަދޭސްގެ ވެރިރަށް ޑާކާއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ އޮގަސްޓްމަހުގެ 4 ވަނަ ދުވަހުން ފެށިގެން ޑާކާއަށް ދަތުރުތައް ފަށާނެ ކަމަށެވެ.

މި ދަތުރުތައް ބާއްވާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ހުކުރު ދުވަހުކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވިއަންގެ ޑާކާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 433 ޑޮލަރެވެ.

މޯލްޑިވިއަންގެ ނަންބަރު (3335544) އަށް ގުޅައިގެން ނުވަތަ މޯލްޑިވިއަންގެ ކޮންމެ އޮފީހަކުންވެސް ބުކިންގްސް ހެއްދޭނެކަމަށް އެކުންފުނިން ބުނެއެވެ.

ދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް ފުލައިޓް ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ނެގެޓިވްކަން އަންގައިދޭ ސެޓްފިކެޓެއް އޮންނަންވާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. މި ސެޓްފިކެޓް ވާންވާނީ ސަރުކާރުން ހުއްދަ ދީފައިވާ ހެލްތު ސެންޓަރަކުން ހައްދާފައިވާ ސެޓްފިކެޓަކަށެވެ.

މީގެއިތުރުން ފުރަން ދިއުމުގެ 24 ގަޑިއިރު ކުރިން އިމިގްރޭޝަން މެދުވެރިކޮށް ރަޖިސްޓްރީވެފައި ވާންޖެހޭނެކަ މަށްވެސް އެކުންފުނިން ބުނެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އަލުން ހުޅުވިފަހުން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތައް ފަށާ ފުރަތަމަ ޤައުމެވެ.

ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވިއަނުން ވަނީ އެކުންފުނީގެ ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައް ދިގު މުއްދަތަކަށް މެދުކަނޑާލާފައެވެ.