ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މީހުން ފުރުވަން ނުވަތަ ބަލާ ދާއިރު އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ.

މީގެކުރިންވެސް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވަނީ ވީއައިއޭއިން ފުރާ ފަސިންޖަރުން ފުރުވުމަށާއި އަންނަ ފަސިންޖަރުން ބަލައި، އެކަކަށްވުރެ ގިނަމީހުން އެއާޕޯޓަށް ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ.

އެމްއޭސީއެލްއިން އިއްޔެ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ފަސިންޖަރުން ފުރުވަން އަދި ބަލައިވެސް، އެކަކަށްވުރެ ގިނަމީހުން އެއާޕޯޓަށް ނުދިޔުމަކީ އެކުންފުނިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

އަދި ބުނެފައިވަނީ ކޮވިޑް-19 ގެ ބިރު އަދިވެސް އޮތްއިރު، ބޭނުމެއްނެތި އެއާޕޯޓަށް ގޮސް ނުހެދުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިއީ ފަސިންޖަރުންނާއި މުވައްޒަފުން އަދި އާންމުންގެ ސަލާމަތަށްޓަކައި ކުރާ އިލްތިމާސެއްކަން އެކުންފުނީގެ ޓުވީޓްގައި ފާހަގަކޮށްފައި ވެއެވެ.

އެމްއޭސީއެލްއިން ވަނީ އެއާޕޯޓަށްދާ މީހުންނާއި އެއާޕޯޓުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތަށްވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެގޮތުން އެއާޕޯޓުގެ އެތެރޭގައި ގައިދުރުކަން ބެހެއްޓުމާއި، އެއާޕޯޓުގެ އެތެރެ ޑިސްއިންފެކްޓް ކުރުން ހިމެނެއެވެ.

މިހިނގާ ޖުލައިމަހުގެ 15 ވަނަ ދުވަހު ދިވެހިރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު، ފަތުރުވެރިންވެސް ވަނީ ރާއްޖެ އަންނަން ފަށާފައެވެ.

ހަމައެއާއެކު، ރާއްޖެތެރޭގެ އެކި ރައްރަށައް ދަތުރުކުރާ މީހުންވެސް މިދުވަސްވަރު ވަނީ އިތުރުވެފައެވެ.