މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން 2020 ވަނަ އަހަރުގެ އެނުއަލް ޖެނެރަލް މީޓިންގ ބާއްވައި، ދެވަނަ ދައުުރުގެ އެގްޒެކެޓިވް ކޮމެޓީއަށް މެމްބަރުން އިންތިޚާބު ކޮށްފިއެވެ.

ވާޗުއަލްކޮށް އިއްޔެރޭ ބޭއްވި މިމީޓިނގައި މާޕްގެ 70 އެއްހާ މެމްބަރުން ބައިވެރިވިއެވެ.

އެއް އަހަރުގެ މުއްދަތަށް އިންތިޚާބު ކުރެވުނު ދެވަނަ އެގްޒެވެޓިވް ކޮމެޓީގެ ތަފާތު 11 މަގާމަކަށް 22 ފަރާތަކުން ކުރިމަތިލިއެވެ.

މިފަހަރުވެސް މާޕްގެ ރައީސްކަމަށް ހޮވުނީ ނިމިދިޔަ ދައުރުގެވެސް ރައީސް އަދި މާޕްގެ އެއް ކޯފައުންޑަރ ހުސައިން އަފީފްއެވެ.

މީގެއިތުރުން މާޕްގެ އަނެއް ދެކޯފައުންޑަރުން ކަމުގައިވާ އަހުމަދު އިބްރާހިމް އަދި އަލީ އާދަމް ވަނީ ކުރިންވެސް ތިއްބެވި މަގާމު ކަމުގައިވާ ނައިބު ރައީސް އަދި ޖެނެރަލް ސެކެޓްރީގެ މަގާމަށް ހޮވިފައެވެ.

ނައިބު ރައީސްކަމުގެ ދެވަނަ މަގާމަށް ހޮވިފައިވަނީ ކެރިއަރ ވިޓަމިންގެ ސީއީއޯ ހައްވާ ޝާހީނާއެވެ. ސެކެޓްރީގެ މަގާމަށް ފާތިމަތު ޙަބީބާ ހޮވިފައިވާއިރު ޓްރެޝަރާގެ މަގާމަށް ހޮވިފައިވަނީ އިބްރާހިމް ނިޝާންއެވެ.

އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ހޮވިފައިވަނީ އާމިނަތު އަދާލާ ރަޝީދު، އާމިނަތު ސުދާ، އާއިޝަތު ހުސައިން މުހައްމަދު، ޒަކަރިއްޔާ އީސާ އަދި ހަސަން ޝިފާއުއެވެ.

މާޕްގެ ރައީސްކަމުގެ ދެވަނަ ދައުރަކަށްވެސް ހޮވުނު ހުސައިން އަފީފަކީ ލަކްސް ރިސޯޓުގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.

އިންތިޚާބުވުމަށްފަހު އަފީފް ވިދާޅުވީ ވޭތުވެދިޔަ ދައުރަކީ ވަރަށްވެސް ކާމިޔާބު ދައުރެއް ކަމަށާއި ތަފާތު އެތަށް ހަރަކާތެއް ބޭއްވުއިރު އާންމުންގެ މެދުގައި މާޕްއާމެދު ބޮޑު އިތުބާރެއް ގާއިމްކުރެވިފައިވާ ކަމަށެވެ.

މި ފެށިގެންދާ ދައުރާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، މިފެށޭ ދައުރުގައި މައިގަނޑު ތިން ކަމަކަށް ފޯކަސް ކުރައްވާނެ ކަމުގައެވެ.

އެގޮތުން ކޯޗިން އެންޑް މެންޓަރިން ކަލްޗަރއެއް އެޗްއާރް ލީޑަރޝިޕްގައި އަށަގެންނަވާނެ ކަމަށެވެ. މީގެއިތުރުން ގިނަ ލީޑަރުންތަކެއް ބިނާކޮށް އެފަރާތްތަކަށް ތަފާތު ގިނަ ފުރުސަތުތަކެއް ހުޅުވާލާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހަމައެއާއކު، އެހެނިހެން ޕްރޮފެޝަނަލް އެސޯސިއޭޝަންތަކާއި ގުޅިގެން ކުރިޔަށް ގެންދެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް ތަފާތު ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް އަފީފް ވިދާޅުވިއެވެ.

އެގޮތުން ކުރިޔަށް މިފެށޭ ދައުރަކީ ވަރަށްވެސްގިނަ ހަރަކާތްތަކެއް ބޭއްވިގެންދާނެ އަދި ތަފާތު ގިނަ އާ ކަންތައްތަކެއް ތައާރަފް ކުރެވިގެންދާނެ ދައުރެއްކަމަށް ވިދާޅުވިއެވެ.

މާޕްއަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ.

އެޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި، ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކުރެވި މައުލޫމާތު ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުން ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

މާޕް އުފެދުނުތާ ދެއަހަރު ވެފައިވާއިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.