ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މާ މުހިންމު ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އިޚުލާސްތެރި ވާދަވެރި ލީޑަރު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށާއި ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި އަދި ވާދަވެރިންގެ ތެރެއިން ލީޑަރެއް ކަނޑައެޅޭ ގޮތް ރައްތިތުންނަށް ސާފުވާން ބޭނުންތެރި ކަމަށެވެ.

ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް އެނގުން މާ މުހިއްމު."
ރައީސް ނަޝީދު

ރައީސް ނަޝީދު މިފަދައިން ވިދާޅުވެ ޓްވީޓު ކުރައްވާފައިމިވަނީ، އިދިކޮޅު ލީޑަރު ޖަލަށްލާފައިވަނީ ނުހައްގުން ކަމަށް ބުނެ އިދިކޮޅުން ސަރުކާރު ޒިންމާދާރު ކުރުވުމުގެ ގޮތުން ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ވަގުތެއްގައެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން ވީނިއުސްއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އިދިކޮޅުގެ ލީޑަރަކީ ކާކުކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އިހަކަށް ދުވަހު ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން ޕީޕީއެމް އަދި ޕީއެންސީގެ ދެ ރައީސުންނަށް ވަކިވަކިން ސީޓީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ސޮއި ކުރައްވާފަ ފޮނުވި. އެހެންކަމުން ރައީސް ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ޕީޕީއެމްގެ ރައީސް އަކީ ކާކުކަމާ އަދި ޕީއެންސީގެ ރައީސް އަކީ ކާކުކަން. އަދި މިވަގުތު ކަންދިމާކުރި ގޮތުން ޕީޕީއެމްގެ ރައީސް އަޅުގަނޑުމެންނާ އެކު ނެތުމުން އިދިކޮޅު ކޯލިޝަންގެ ރައީސް އަކީ މިވަގުތު އަބްދުއްރަހީމް އަބްދުﷲ ކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ."
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު

ޝުޖާއު ވިދާޅުވީ، މަލްޓި ޕާޓީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ގައުމު އާރާސްތުކުރުމުގެ މަސައްކަތް ކުރަމުންދާނީ ސިޔާސީ ވާދަވެރިންގެ އަޑު އަހައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވުމުން އެކަމަށް އިދިކޮޅުން ރައްދުދޭން ފެށުމާއެކު ފެނިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަމަށް ފާޑުވިދާޅުވާ މަންޒަރުތައް ކަމަށެވެ.

އިދިކޮޅުން މަސައްކަތް ކުރަމުން މިދަނީ ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ވާހަކަ ދައްކެމަށް ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.