ށ.މިލަންދޫ އަންހެނުންނަށް ޚާއްސަ ފުޓްސަލް މުބާރާތަކާއި އެ ރަށުގެ ވެޓަރަންސް ކުޅުންތެރިންނަށް ހާއްސަަ މުބާރާތެއް އެ ރަށުގައި ފަށައިފިއެވެ.

ޖުލައި 28 ވަނަ ދުވަހުގެ ރޭ މިލަންދޫ ފުޓްސަލް ދަނޑުގައި ފެށި އަންހެނުންގެ ފުޓްސަލް މުބާރާތަކީ އެރަށު ކައުންސިލްގެ ރައީސް ސްޕޮންސަރ ކުރާ މުބާރާތެކެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މި މުބާރާތުގެ މެޗްތައް ކުޅެނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ކުޅެގޮތަށެވެ.

ށ.މިލަންދޫ ކައުންސިލްގެ ރައީސް އަބްދު ﷲ ފާއިޒު ވިދާޅުވީ މިފަދަ މުބާރާތެއް އަންހެނުންނަށް ބޭއްވުމަށް ނިންމީ ފިރިހެނުންނެކޭ އެއްހަމައެއްގައި ކުޅިވަރުގައި އަންހެނުންނަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ. ޢެގޮތުން ފުޓްބޯޅަ މުބާރާތެއްގައި ހޮވާ ހުރިހާ ވަނަތަކެއް މި މުބާރާތުގައި ހޮވާ ، މެޑަލް އާއި އިނާމް ދޭނެކަމަށެވެ. އަދި ރަންބޫޓްވެސް ދޭނެކަމަށެވެ.

ފާއިޒު އިތުރަށް ވިދާޅުވީ އީދުގެ ކުރިން މުބާރާތުގެ ފައިނަލް ކުޅުމަށް ކުރިން ތާވަލު ކުރިނަމަވެސް މޫސުމް ތަންނުދޭތީ، ޝެޑިއުލަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެހެންކަމުން ފައިނަލް ކުޅޭނެ ތާރީހެއް ބުނަން ނޭނގޭކަމަށެވެ. މިލަންދޫއަކީ ފުޓްބޯޅައިގައި އަތޮޅުން ފާހަގަ ކޮށްލެވޭ ރަށެކެވެ. އެގޮތުންދިރާގު ދިވެހި ލީގުގައި އެރަށުޓީމު މޮޅުކުޅުމެއް ވަނީ ދައްކާފައެވެ.

އަންހެނުންގެ ފުޓްސަލް މުބާރާތުގެ ތެރެއިން

މިލަންދޫ ޔޫތް މޫވްމަންޓް(އެމްޔޫއެމް) ގެ ފަރާތުން ބާއްވާ ވެޓެރަންސް މުބާރާތުގައި ޖުމްލަ 8 ޓީމަކުން ވާދަކުރެއެވެ. މިލަންދޫ ޔޫތް މޫވްމަންޓުން ބުނީ ކޮންމެ އަހަރަކުވެސް ޒުވާނުންނަށް ޚާއްސަކޮށްގެން މުބާރާތް ބާއްވާކަމަށާއި، އެހެންނަމަވެސް ވެޓެރަންސް ކަޕެއް ބާއްވާ މިއީ ފުރަތަމަ ފަހަރުކަމަށެވެ.

މުބާރާތް ބޭއްވުމުގެ މަގުސަދަކީ ކުރީގެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން ދުޅަހެޔޮ ކަންމަތީ ތިބުމަށް ހިތްވަރުދިނުން ކަމަށާއި ކޮންމެ އަހަރަކުވެސް ލެޖެންޑުންނަށް ހާއްސަކޮށް ވެޓެރަންސް ކަޕް ބާއްވާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ޖުލައި 26 ން އޮގަސްޓް 6 އަށް ކުރިޔަށްދާ މި މުބާރާތުގެ މެޗުތައް ކުޅެނީ ދެ ގުރޫޕަކަށް ބަހައިލައިގެން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ޓޮރޮފީ އާއި މެޑަލްދޭއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކޯޗުވެސް ހޮވާނެއެވެ.