• އަލުން ލޮކްޑައުންކަށް ނުދިއުމަށް އަދި ނިންމާފައިވަނީ އެންމެނަށް ރަނގަޅަކަށް: ރައީސް އޮފީސް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުން މަޖުބޫރުކުރަން ސަރުކާރުން ނިންމައިފި އެވެ.

މިކަން އިއުލާން ކޮށްފައިވަނީ ރައީސް އޮފީހުން ކުރި ޓުވީޓެއްގައެވެ.

ޓުވީޓުގައި ބުނެފައިވަނީ، ފާއިތުވެދިޔަ ދެހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މައްޗަށް ގޮސްފައިވާ ކަމަށެވެ.

އެހެންނަމަވެސް އަލުން ލޮކްޑައުންކަށް ނުދިއުމަށް އަދި ނިންމާފައިވަނީ ހުރިހާ އެންމެންގެ ރަނގަޅަކަށް ކަމަށެވެ.

މީގެއިތުރުން އެންމެންގެ ރައްކާތެރިކަމަށް މިހާރު ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި ކޮންޓެކްޓުން މަދުވާނެ ގޮތްތަކަށް އަމަލުކޮށް ގިނަގިނައިން އަތްދޮވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ގޭގައި މަސައްކަތް ކުރެވޭނަމަ އެފަދަ އިންތިޒާމުތައް ހަމަޖައްސައި، ގައިދުރުކަން ބެހެއްޓުމުގެ މުހިންމުކަންވެސް ފާހަގަކޮށްފައިވެއެވެ.

ރައީސް އޮފީހުން މިޓުވީޓް ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި މިއަދުގެ ކޮވިޑުގެ ގައުމީ ޓާސްކުފޯސް ބައްދަލުވުމަށް ފަހުއެވެ.

ފާއިތުވި ދެތިން ދުވަހު ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ކުރިޔަށްވުރެ މައްޗަށް ޖެހިފައެވެ.