އީދަކީ ކޮވިޑް-19 ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް އަލުން ބދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން ޔަގީންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާ މިހެން ވިދާޅުވީ، 1441 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ، މިއަހަރުގެ އަޟްޙާ ޢީދު ދުވަސް އަޅުގަނޑުމެންނާ މިބައްދަލުކުރީ، މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ގެ މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައި ކަމަށާއި، އެކަމުގެ ސަބަބުން، މުސްލިމުންގެ އަޅުކަންތަކަށްވެސް ބުރޫއަރައި، އިސްލާމީ އުންމަތްވެސް ތަޙައްމަލް ކުރަމުން މިދަނީ، ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށެވެ.

ނަމަވެސް، މިފަދަ ދުވަސްވަރެއްގައި އުފާވެރި ޢީދަކާ ބައްދަލުވުމީ، ކޮވިޑް-19 ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް، އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުޞަތެއްކަން ޔަޤީންކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ދިރިއުޅުމުގެ ޢާންމު އާދަކާދަތަކާ މުޅިން ޚިލާފަށް އުޅެންޖެހިފައިވިޔަސް، ޢާއިލީ ގުޅުންތަކާއި ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް އާލާކުރުމުގެ ފުރުޞަތުތައް ތަނަވަސްވެފައި އެބައޮތް ކަމަށާއި، ކިތަންމެ ދުރުގައި ތިބެން ޖެހުނަސް، ގޭގެއަށް ޒިޔާރަތް ނުކުރެވުނަސް، އަދި ބޮޑެތި އެއްވުންތަކާއި ޙަފްލާތައް ނުބޭއްވުނަސް، ޢާއިލާގެ މީހުންގެ ޙާލުއަހުވާލު އޮޅުންފިލުވައި، ޢީދުގެ ތަހުނިޔާ ބަދަލުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ، މިފަދަ މުނާސަބަތެއްގައި ނުހަނު ބޭނުންތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ވިދާޅުވެފައި ވެއެވެ.

ވަކިން ޚާއްޞަ ގޮތެއްގައި، ޢާއިލާގައި ހިމެނޭ، ޢުމުރުން ދުވަސްވީ މީހުންނާއެކު، ފޯނުގެ ޒަރީޢާއިންވިޔަސް ވަގުތުކޮޅެއް ހޭދަކޮށްލައި، އެމީހުންގެ ޝުޢޫރުތަކާއި އިޙްސާސްތައް އަޑުއަހައިލުމަކީ، މިފަދަ އުފާވެރި ދުވަހެއްގައި ޢާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވާފައި ވެއެވެ.

"އަޟްޙާ ޢީދަކީ، މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި، އެއްބާރުލުމުގެ އިތުރުން، އެތައް ޤުރުބާނީއެއްގެ ޒިކްރާ އައުކޮށްދޭ މަތިވެރި މުނާސަބަތެކެވެ. މިއީ ޤައުމެއްގެ ނިސްބަތުން ބަލާއިރު، މިއަދުގެ ޙާލަތުގައި، ވަކިން ޚާއްޞަގޮތެއްގައި އަޅުގަނޑުމެން ސަމާލުކަން ދޭންވީ ކަންކަމެވެ. މިއީ މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ ޢީދެކެވެ. އެހެންކަމުން ޙައްޖުގެ މަތިވެރި އަޅުކަމާއި، އަޟްޙާ ޢީދާ ގުޅިފައިވާ މިފަދަ މަތިވެރި ޙިކްމަތްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މަޢާފުކޮށް، އަޚްވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ."
ރައީސް އިބްރާހިމް މުހަންމަދު ސާލިހް

ރައީސްގެ ހިތާބުގައި، މިހާރު އަޅުގަނޑުމެން ތަޖުރިބާކުރަންޖެހިފައިމިވާ، އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތިކަމުން އަވަހަށް ސަލާމަތްވެ، ދިރިއުޅުމުގެ ޢާންމު ޙާލަތަށް އެނބުރި ދިއުމަށްޓަކައި، ޞިއްޙީ ޚިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން އެކުގައި މަސައްކަތްކުރުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ގޮވާލައްވާފައި ވެއެވެ.

އިޖުތިމާޢީ ގައިދުރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމާއެކު، ޢާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރެއްވުމަކީ، ކޮވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށާއި، މިކަމުގައި ކާމިޔާބު ލިބޭނީ، ކޮންމެ ބޭފުޅަކުންވެސް ޒިންމާދާރުކަމާއެކު ފަރުދީ ޒިންމާ އަދާކުރައްވައިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއުފާވެރި ޢީދުގެ ދުވަސްތަކަކީ، ހުރިހާ ގޮތަކުންވެސް ދިވެހި ޤައުމަށް އުފާފާގަތި ދުވަސްތަކެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ކޯވިޑް-19ގެ ނުރައްކާތެރި ވަބާއިން ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންނާއި މުޅި އިންސާނީ ދަރިފަސްކޮޅު މިންޖުކޮށްދެއްވައި، އަންނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމުގެ ހެޔޮ ނަޞީބު، އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މިފަދަ އުފާވެރި މުނާސަބާތައް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ތަކުރާރު ކުރައްވާށިއެވެ! އާމީން"
ރައީސް އިބްރާހިމް މުހަންމަދު ސާލިހް