އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތާއި ގުޅިގެން އަމަލު ކުރަންވީ ގޮތުގެ ލަފާ ހޯދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކުޅިވަރާ ބެހޭ ވުޒާރާއިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ބައްދަލުކޮށްފިއެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ބޭއްވުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވާއިރު، މި މުބާރާތް ބޭއްވުމަށް މަޝްވަރާކުރަނީ މާލެސިޓީއާއި އައްޑޫސިޓީގައި ކަމަށް މައުލޫމާތުލިބެއެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖަވާޒް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ބައްދަލުވުމުގައި ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު މައިމޫނާ އަބޫބަކުރުވެސް ބައިވެރިވެވަޑައިގަތެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޯބަރު މަހު އަލުން ފަށާއިރު، ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް އޮކްޓޯބަރު މަހު 23ން ނޮވެމްބަރު ހަތަރަކާ ދެމެދު ރާއްޖޭގައި ކުޅޭ ގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން 13 ދުވަހު ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގައި މިފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެއެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއެވެ