• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 89 ދިވެހިން
  • މާލެ ސަރަހައްދު ފިޔަވައި، އިތުރު 8 ރަށަކުން ޕޮޒިޓިވް ކޭސްތައް ފެނިއްޖެ
  • އެޑްމިޓްކުރާ މީހުންގެ އަދަދު އިންތިހާއަށް މަތިވެ، އެނދުތައް ފުރުމުގެ ބިރު

ލޮކްޑައުންއަށް ލުއިދޭން ފެށިގެން ރާއްޖެއިން އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް 152 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް ޕޮޒިޓިވްވި 152 މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި، ބަނގްލަދޭޝްގެ 54 މީހުންނާއި، އިންޑިއާ 5 މީހުންނާއި، ސްރީލަންކާ 4 މީހުންނެވެ.

މީގެ ތެރެއިން 142 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. 10 މީހުންނަކީ އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވެފައިވާ 10 ކޭސްއެވެ.

ގްރޭޓަރ މާލެ ސަރަހައްދު ފިޔަވައި، ޕޮޒިޓިވް ކޭސްތައް ފެނިފައިވާ އަތޮޅުތެރޭގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ؛ ހއ. ކެލާ، ނ. ސޮނެވާ ޖާނީ، ބ. އޭދަަފުށި، ބ. ކަމަދޫ، ބ. ސީސައިޑް ފިނޮޅު، ޅ. ކުރެންދޫ އަދި ކ. މާފުށްޓެވެ.

މިއާއެކު، ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް މިހާތަނަށް ރެކޯޑު ކުރެވުނު މީހުންގެ އަދަދުވަނީ 3،719 އަށް ވަނީ އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ފަސޭހަވެފައިވަނީ 14 މީހުން ކަމަށެވެ.

މިއާއެކު، ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެ، ޝިފާލިބި ބަލިން ފަސޭހަވެފައިވާ މީހުންގެ ޖުމްލަ އަދަދުވަނީ 2،568 އަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައިތިބީ 1،120 އަށް އަރާފައި ވެއެވެ. މީގެތެރެއިން 59 މީހަކަށް ގެންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

މިވަގުތު އައިސޮލޭޝަންގައި ތިބީ 657 މީހުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި، އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގާއި، ޑރ. ޝީނާވަނީ، ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ.

އަދި ހަމައެއާއެކު، ބަލީގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ އަދަދު އިތުރުވަމުން އަންނަކަންވެސް ފާހަގަ ކުރައްވާފައެވެ.

އަދި އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ނުކުރެވޭނަމަ އަދި މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަމަށް މީހުން ފަރުވާކުޑަ ކުރާނަމަ ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށްވެސް ޑޮކްޓަރުން އިންޒާރު ދެއްވާފައި ވެއެވެ.

ޑރ. ޝީނާ ލަފާކުރެއްވީ ކުރިއަށްއޮތް އޮގަސްޓްމަހު އެކަނިވެސް ދެހާހަށްވުރެ ގިނަމީހުން އަލަށް ޕޮޒިޓިވްވާނޭ ކަމަށް ލަފާކުރައްވާފައެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު މިހާރުދާ ރޭޓުން މަތިވަމުންދާނަމަ ހޮސްޕިޓަލުގައި މިހާރު ހުރި އެނދުތައް ފުރުމުގެ ބިރުވެސް އެބައޮތް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އަދިވެސް މަސައްކަތް ކުރައްވަނީ އިތުރު ލޮކްޑައުންއަކަށް ނުގޮސްވޭތޯ ކަމަށެވެ.