ކޮވިޑް-19 ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މިރޭ ކުރި ޓްވީޓެއްގައި، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެ، ހަސްފަތާލުގައި އެނދުމަތި ކުރެވޭ ބަލިމީހުން ގިނަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

މިގޮތަށް ބަލި ކޮންޓްރޯލްނުވެ، ކޭސްތައް އިތުރުވާން ފަށައިފިނަމަ، ސިއްޙީ ޚިދުމަތްދޭ ތަންތަން ފުރި، ސިއްޙީ ޚިދުމަތްތެރިން މަދުވުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް މެޑިކަލް އެސޯސިއޭޝަންގެ ޓްވީޓްގައި އިންޒާރުކޮށްފައި ވެއެވެ.

އެހެންވުމާއެކު، ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އިލްތިމާސް ކޮށްފައި ވެއެވެ.

މިގޮތުން، އާންމު ތަންތަނުގައި މާސްކު އެޅުމާއި އިޖްތިމާއީ ގައިދުރުކަން ބެހެއްޓުން ހަރުކަށިކޮށް، މިކަންކަން ގާތުން ބަލައި، މިކަންކަމަށް ބޯނުލަނބާ ފަރާތްތައް ފާހަގަކޮށް އެކަންކަން އިސްލާހުކުރުމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ގޮވާލާފައި ވެއެވެ.

އަދި ހަމަ އެއާއެކު، މުއައްސަސާތަކުންނާއި އާންމު ފަރުދުން ބާއްވަމުންދާ އެއްވުންތައް މަނާކުރުމަށްވެސް މެޑިކަލް އެސޯސިއޭޝަނުން ގޮވާލާފައި ވެއެވެ.

"މިފުރުސަތުގައި، ވަރުބަލިކަމެއްނެތި ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބި އެއްމެހާ ފަރާއްތަކުގެ އަގު ވަޒަންކޮށް، މިމަސައްކަތުގައި ކާމިޔާބީ ދެއްވުންއެދި މާތް ﷲ ގެ ހަޒުރަތުން ދުޢާ ދަންނަވަމެވެ." މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ. ޝީނާވެސްވަނީ، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހޮސްޕިޓަލުގައި ކޮވިޑް ބައްޔަށް ޚާއްސަކޮށްފައިވާ އެނދުތައް ފުރިދާނެކަމުގެ އިންޒާރު ދެއްވާފައި ވެއެވެ.

ހަމައެއާއެކު، ބަލިމީހުންނަށް ފަރުވާދިނުމުގައި ސިއްހީ ޚިދުމަތްތެރިން މަދުވުމުގެ މައްސަލަ ނުކުމެދާނެކަންވެސް ފާހަގަކުރައްވާފައި ވެއެވެ.