ސަވާރީ ބޯޓު ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އަދި އެއްކޮށް ނިންމާނުލެވޭ ކަމަށް ދިއްދޫ އަތޮޅު ކައުންސިލް މެމްބަރު އަބްދުﷲ ސިރާޖް ވިދާޅުވެއްޖެއެވެ.

ކެލާ ސަވާރީ ބޯޓްގެ ފަޅުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމާ، އެ ބޯޓުގެ ފަޅުވެރިންނާ ދިއްދޫގެ ވަރަށްގިނަ މީހުނާ ކޮންޓެކްޓް ވެފައިވާތީ، ޖުލައި 30 އިން ފެށިގެން ދިއްދޫ މޮނިޓަރިންގ ހާލަތަށް ގެނެވިފައިވާކަމަށް އެޗްޕީއޭއިން އެ ރަށު ކައުންސިލަށް އަންގާފައިވާތީ އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ވީނިއުސްއާއި ހިއްސާ ކުރައްވަމުން އެ ރަށުގެ އަތޮޅު ކައުންސިލް މެމްބަރު އަބްދުﷲ ސިރާޖު ވިދާޅުވީ މި ވަގުތު އެ ރަށުގައި ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކަމަށެވެ.

އަދި މިހާލަތުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އެއްކޮށް ނިންމާނުލެވޭ. އެ މަސައްކަތް މިހާރުވެސް ކުރިއަށްދަނީ. ކައުންސިލުން މިވަގުތު އަމަލު ކުރަމުންދަނީ އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް. އާންމުކޮށް މީހުން އެއްވާ އެއްވެސް ކަހަލަ ހަރަކާތެއް މިވަގުތު ކުރިއަކަށް ނުދާނެ."
ދިއްދޫ އަތޮޅު ކައުންސިލް މެމްބަރު އަބްދުﷲ ސިރާޖް

ދިއްދޫ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށާއި މޮނިޓަރިންގ ހާލަތު ނިމެންދެން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް ސިރާޖު ވިދާޅުވިއެވެ. އެގޮތުން މޮނިޓަރިންގ ދުވަސްވަރު ގެއިން ބޭރަށް ދާއިރު މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމުގެ އިތުރަށް އެއްވެސް ބާވަތެއްގެ އެއްވުންތަކާއި ކުޅިވަރު ހަރަކާތްތައް ނުބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

އަދި ގިނަގިނައިން އަތްދޮވުމަށާއި ޒަރޫރީ ހާލަތެއްގައި މެނުވީ އެއްވެސް ވަގުތެއްގައި ކުޑަކުދިންނާއި އިސްރަށްވެހިން ގެއިން ބޭރަށް ނުދިއުމާއި ފިނިމައިޒާންތަކާއި ޖޯލިފަތިތަކަށް އެއްވެ ނުތިބުމުގެ އިތުރަށް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ދިރިއުޅުމުގެ އަމަލުތައް ބެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.

ހއ. ކެލާ އިން ނުވަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހއ. ކެލާ، ހއ. ދިއްދޫ، ހއ. ވަށަފަރު އަދި ހދ. ނޮޅިވަރަންފަރު މޮނީޓަރިންގެ ހާލަތަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވަނީ ގެނެސްފައެވެ.