އެޖެންޑާ 19 ގައި އޮތީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަތައްކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

މެމްބަރު އަލީ ނިޔާޒު މިފަދައިން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މެމްބަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާއި އެޖެންޑާ ނަވާރައިގައި ހުންނާނީ ވަރަށް ކުދި ކުދި ތަފާތު ކަންތައްތަކެއް ކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ ވާހަކަ އޮންނާނީ އެޖެންޑާ ނަވާރައިގައިކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

ސަރުކާރު އުފެދިފައި އޮތީ ކޯލިޝަނަކާ އެކުގައި ކަމަށާއި ނަމަވެސް އެޖެންޑާ ނަވާރަ އޮތީ ހަމަ އެކަނި އެމްޑީޕީގެ ސިޔާސަތެއްގެ ގޮތުގައި ކަމަށް މެމްބަރު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކޯލިޝަނެއް ނެތްކަން ފާހަގަކޮށް މެމްބަރު ވިދާޅުވީ ކޯލިޝަން އޮތީ ސަރުކާރުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީއަށް ސުޕަމެޖޯރިޓީ ލިބުނީ އެމްޑީޕީ ވަކިން ގޮސް ކުރި ކެމްޕެއިނުން ކަމަށެވެ.

އެހެންނަމަވެސް އަޅުގަނޑު މިދަންނަވަނީ ސަރުކާރުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އޭ. ރައީސުލްޖުމްހޫރިއްޔާ ޔަގީންކަން އެބަ ދެއްވާ ކޯލިޝަން ދަމަހައްޓަވާނެ ކަމަށް. އަޅުގަނޑުމެން އެމްޑީޕީން ރިޔާސީ އިންތިހާބަށް ނިކުތީ އެމްޑީޕީގެ ކެންޑިޑޭޓަކު ގޮވައިގެން. އެހެންކަމުން އަބަދުވެސް އެމްޑީޕީގެ ކެންޑިޑޭޓަކަށް އިތުބާރު އޮވޭ."
މެމްބަރު އަލީ ނިޔާޒް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތައް ކޮމެޓީތަކުން ފާސްކުރަނީ ރައްޔިތުންނަށް އެންމެ ފާއިދާ ހުރި ގޮތައްކަމަށް ވިދާޅުވެ މެމްބަރު އަލީ ނިޔާޒް ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގެ މަގުސަދު ގެއްލޭ ގޮތަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ނަވާރަ ވަނަ ރައްޔިތުންގެ މަޖީލިހުން މިހާތަނަށް ރައްޔިތުންނަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް އެއްވެސް ބިލެއް ފާސްކޮށްފައި ނުވާ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް ބަހުސް މަރުހަލާގައި އެކިގޮތްގޮތަށް ވާހަކަ ދެކެވިފައި ވާނޭ ކަމަށާއި މަޖިލީހުގެ ތަޅުމުން ބިލެއް ފާސްވެގެންދާ އިރު އޮންނާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.

ސަރުކާރުންވެސް ހާސިލްކުރަން ބޭނުންވާ ގޮތަށް އަދި އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން އެޖެންޑާ ނަވާރައިގައި ބުނެފައިވާ ކަންކަންވެސް އޭގައި ހާސިލްވޭތޯ. ސަރުކާރުގެ ސިޔާސަތުގައި ނެތް ކަމެއް އެޖެންޑާ ނަވާރައިގައި ނެތް ކަމެއް ބިލެއްގެ ތެރެއިން އަދި ބަހުސެއްގެ ތެރެއިން ފާސްވެގެން ނާންނާނެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި މައްސަލައެއް."
މެމްބަރު އަލީ ނިޔާޒް

އެމްޑީޕީ ސުޕަމެޖޯރިޓީއެއް ރައްޔިތުންގެ މަޖިލީހުގައި އޮވެ ރައްޔިތުންނަށް ޖެއްސުން ކުރާ ޕާޓީެއްގެ ގޮތުގައި ބައެއް މީހުން ދެކޭ ދެކުމަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް މެމްބަރު އަލީ ނިޔާޒް ވިދާޅުވިއެވެ.