މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ގިނަ ވިޔަފާރިތަކުގެ އާމްދަނީ ބޮޑުތަކުން ދަށްވެއްޖެއެވެ.

މިއަހަަރުގެ ދެވަނަ ކުއާޓަރަށް އެމްއެމްއޭއިން ނެރެފައިވާ ރިޕޯޓުގައިވާގޮތުން ކޮވިޑް-19 އާއި ގުޅިގެން މިއަހަަރުގެ ފުރަތަމަ ކުއާޓަރަށްވުރެ ދެވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

މިއީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ހިންގި ލޮކްޑައުންއާއި ގުޅިގެން ދަށްވެފައިވާ ދަށްވުމެއް ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއްދީ، ވިޔަފާރިތައް ހުލުވާލުމުގެ ހުއްދަ ސަރުކާރުން ދީފައިވީނަމަވެސް މިއަހަރުގެ ތިންވަނަ ކުއާޓަރުގައިވެސް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އާމްދަނީ ދަށްވާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ.

އެމްއެމްއޭއިން ބުނީ ކޮވިޑް-19 ބަލިމަޑުކަމަށް އަންނާނެ ބަދަލުތައް އަންދާޒާ ކުރުމަކީ ވަރަށް ދަތިކަމެއް ކަމުން އެކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް އަންދާޒާ ކުރުމަކީވެސް ހަމަ އެހާމެ ދަތި އުނދަގޫކަމެއް ކަމުގައެވެ.

މި ސަބަބުތަކާހެދި މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ބަނަ ކަމުގައި ފާހަގަކުރެވޭ ކަމަށާއި، އަހަރުގެ ތިންވަނަ ކުއާޓަރުގައި އިމާރާތްކުރުން އަދި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށްވެގެންދާނެކަމަށް ލަފާކުރެވޭކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

މީގެއިތުރުން މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން އެމްއެމްއޭގެ ބިޒްނަސް ސާވޭއިން ފާހަގަކުރެވިފައި ވާކަމަށް އެމްއެމްއޭއިން ބުނެއެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން، ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އަދި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ސާވޭގައި ބައިވެރިވި މި ސިނާއަތްތަކުގެ ވިޔަފާރިތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވާނެކަމަށް އެ ވިޔަފާރިތަކުން ލަފާކުރާކަންވެސް އެމްއެމްއޭއިން ފާހަގަކުރެއެވެ.