ގެއިން ބޭރުގައި އުޅޭއިރު މާސްކް ނާޅާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުން ވަނީ މިއަދުން ފެށިގެން މަޖްބޫރުކޮށްފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ވަކި ގޮތެއް އަންގަންދެން މިއަދުން ފެށިގެން މާސްކް އަޅަންޖެހޭނެކަމަށެވެ. މާސްކް އަޅާފައި ހުންނައިރު ހުންނަންޖެހޭނީ އަނގަޔާއި، ނޭފަތާއި ދަތްދޮޅި ނިވާވާގޮތަށެވެ.

މިދިޔަ މަހުގެ 30ގައި މިގޮތަށް ނިންމާ، އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން މިއަދު މަޖްބޫރުކޮށްފައިވާއިރު މިއީ ފާއިތުވި ހަފްތާތަކުގައި ކޮވިޑްގެ ގިނަ ކޭސްތަކެއް އިތުރުވެފައިވާތީ އަޅާފައިވާ ފިޔަވަޅެކެވެ.

މާލެ ސަރަހައްދުގައި އުޅޭއިރު، މާސްކް އެޅުން މަޖްބޫރުކޮށްފައިވީނަމަވެސް މާސްކް އެޅުން އިސްތިސްނާވާ ފަރާތްތަކެއްވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

މިގޮތުން 2 އަހަރު ނުވާ ކުޑަ ކުދިންނާއި ކަސްރަތު ކުރާ މީހުން ކަސްރަތު ކުރާ ވަގުތުގައިއާއި، އެހެން މީހެއްގެ އެހީއަކާ ނުލައި މާސްކް އަޅާ، މާސްކް ނުނެގޭ މީހުން މީގެ ތެރޭގައި ހިމެނެއެވެ.

މިކަން ބަޔާންކޮށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމުގައި ވަނީ، މިފިޔަވަޅު ތަންފީޒުކޮށް، އެކަމަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގަވާފައެވެ. އަދި މިކަމަށް އެންމެހާ ފަރާތްތަކުން އަމަލުކުރުމަށްވެސް ވަނީ އަންގަވާފައެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވަނީ މިކަމާއި ގުޅިގެން، މިއަދުން ފެށިގެން ގެއިން ބޭރުގައި އުޅޭ އިރު މާސްކް ނާޅާ މީހުންނާއިމެދު ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. މިގޮތުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުން އެކަން ތަންފީޒުކުރުމަށްޓަކައި މަސައްކަތްކުރާނެކަމަށާއި އެ އުސޫލުތަކާއި ހިލާފުވާ ފަރާތްތަކާއިމެދު، އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.