ކެޕްޓަން ޝަނޫން ނަސީރުގެ އުމުރަކީ އެންމެ 35 އަހަރެވެ. އޭނާގެ ކުއްލި ވަކިވެދިއުމުން ފްލައިމީއަށް ވަނީ ވަރަށްބޮޑު ފުން ހިތާމައެއް ލިބިފައެވެ.

ޝަނޫން ނަސީރު ފްލައިމީގައި ޚިދުމަތްކުރާތާ ގާތްގަނޑަކަށް 7 އަހަރުވެފައިވާއިރު، އޭނާ ފްލައިމީއާ ގުޅުނީ އެ އެއަރލައިންގެ އޮޕަރޭޝަންސް ފެށިތާ މާ ގިނދުވަހެއް ނުވަނީހެވެ.

ފްލައިމީއާ ގުޅުނުތާ މާ ގިނަދުވަހެއް ނުވަނީސް ޝަނޫން ނަސީރު ކޯ-ޕައިލެޓަކަށް ޕްރޮމޯޓްވިއެވެ. އެއީ، އޭނާ ކުރިން މަސައްކަތް ކޮށްފައިވާ ތަނުން ލިބިފައިވާ ތަޖުރިބާއާވެސް އެކުގައެވެ.

އޭގެފަހުން، ޝަނޫން ފްލައިމީގެ ކެޕްޓަނަކަށް ޕްރޮމޯޓްވެ، ކެޕްޓަނެއްގެ ގޮތުގައި ފްލައި ކުރަންފެށިތާ 3 އަހަރުވެއްޖެއެވެ.

ފްލައިމީގެ ފްލައިޓް އޮޕަރޭޝަންސް މެނޭޖަރ، ކެޕްޓަން އަހްމަދު ޝާމިންވަނީ، ޝަނޫން ނަސީރުއާ ގުޅޭގޮތުން ވީނިއުސްއާ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ކެޕްޓަން އަހްމަދު ޝާމިން ވިދާޅުވީ، ޝަނޫން ނަސީރުގެ ކުއްލި ވަކިވެދިއުމާ ގުޅިގެން ފްލައިމީގެ ހުރިހާ އެންމެނަށް ވަރަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ.

ކެޕްޓަން އަހްމަދު ޝާމިން ވިދާޅުވީ، ޝަނޫން ނަސީރަކީ ވަރަށް އަޚުލާގު ރަނގަޅު، މަސައްކަތަށް ފަރުވާތެރި، މޮޅު ކުއްޖެއް ކަމަށެވެ. ޝަނޫންއަކީ ފްލައިމީގެ އެންމެ ކީ މެމްބަރުންގެ އެކަކު ކަމަށްވެސް އަހްމަދު ޝާމިން ވިދާޅުވިއެވެ.

"ޓާސްކްކުރި ކޮންމެ ކަމެއް ބުނާ ގޮތަކަށް ކޮށް ނިންމާ ކުއްޖެއް އެއީ. އެންމެނާވެސް ވަރަށް ގުޅޭ، ގާތްކޮށް އުޅޭ ކުއްޖެއް. ރުޅި އަންނަން ނޭނގޭ ކުއްޖެއް. ވަރަށް ކޯޕަރޭޓިވް، މަޑުމަޑުން ހުންނަ ކުއްޖެއް"
ކެޕްޓަން އަހްމަދު ޝާމިން

ފްލައިމީގެ ޕައިލެޓުން:

ކެޕްޓަން އަހްމަދު ޝާމިން ވިދާޅުވީ، ޝަނޫން ނަސީރުގެ ސިއްހީ އެއްވެސް މައްސަލައެއް އުޅޭކަން އެނގިފައި ނުވާ ކަމަށެވެ.

ކޮވިޑް-19 ބަލިމަޑު ހާލަތާ ގުޅިގެން ފްލައިމީގެ ދަތުރުތައް ހުއްޓި، ޕައިލެޓުން މިވަގުތު ތިބީ ފްލައިންގ ޑިއުޓީއެއްގައެއް ނޫނެވެ.

އޮފީހަށް ނުނިކުތް ނަމަވެސް، މީގެ ދެރޭކުރިން ޝަނޫންވެސް ހިމެނޭގޮތުން ޕައިލެޓުން ބައްދަލުވެފައި ވެއެވެ.

ކެޕްޓަން އަހްމަދު ޝާމިން ވިދާޅުވީ، އޭވިއޭޝަން ރެގިއުލޭޝަންސްއާ އެއްގޮތަށް ވޭތުވެދިޔަ 7 އަހަރު ޝަނޫންވެސް މެޑިކަލް ޓެސްޓް ހަދާފައިވާ ކަމަށާއި، އެއިން އެއްވެސް ފަހަރަކު އިޝޫއެއް ދިމާވެފައި ނެތް ކަމަށެވެ. ޝަނޫނަކީ އަބަދުވެސް ވަރަށް ފިޓްކޮށް ހުންނަ ޕައިލެޓެއް ކަމަށް ވިދާޅުވިއެވެ.

ޝަނޫން ނަސީރުގެ އިތުރުން، އޭނާގެ ބޭބެ ޝަބީ ނަސީރަކީވެސް ފްލައިމީގެ ޕައިލެޓެކެވެ.

ޝަނޫންގެ ކުއްލި ވަކިވުމާ ގުޅިގެން ފްލައިމީގެ ފްލައިޓް އޮޕަރޭޝަންސް މެނޭޖަރ، ކެޕްޓަން އަހްމަދު ޝާމިންވަނީ ފްލައިމީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ޝަނޫންގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އާއިލާއަށް ލިބުނު މި ފުން ހިތާމައިގައި ބައިވެރިވާކަންވެސް ހާމަކުރެއްވިއެވެ.

އައްޑޫ ސިޓީ ހިތަދޫ ކޯޒްވޭވިލާ ޝަނޫން ނަސީރު ކުއްލިގޮތަކަށް ނިޔާވިއިރު، އޭނާގެ އަންބަކާއި ދަރިޔަކުވެސް ހުރެއެވެ.

ނޯޓް: ޝަނޫން ނަސީރުގެ ޖަނާޒާ މިރޭގެ މަޣުރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.