ފްރާންސްގެ ގައުމީ ފުޓުބޯޅަ ދަނޑު ސްޓޭޑް ޑި ފްރާންސްގައި ކުޅުނު މި މެޗުން ލިއޯންގެ މަށްޗަށް ޕީއެސްޖީ ކުރިހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެޓީމަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވުމުން އިތުރު ވަގުތުގެ ދެހާފް ކުޅެގެންވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 6-5 ނެވެ.

މިއާއެކު ފާއިތުވީ 6 އަހަރުގެ ތެރޭގައި ޕީއެސްޖީން ވަނީ 4 ފަހަރަށް "ޑޮމެސްޓިކް ޓްރެބަލް" (އެގައުމުގެ މުބާރާތް ތަކުން އެއް ސީޒަނެއްގައި 3 މުބާރާތް ކާމިޔާބުކުރުން) ހޯދާފައެވެ.

މީގެކުރިން ކޮވިޑް-19 ގެ ސަބަބުން މިމުބާރާތް ކެންސަލް ކުރުމަށް ފްރާންސްގެ އެފްއޭއިން ނިންމި ނަމަވެސް ފަހުން އެނިންމުން ބަދަލުކޮށް މުބާރާތް ވަނީ ނިންމާފައެވެ.

5000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުން ޕީއެސްޖީ މޮޅުވީ 10 ޕެނަލްޓީ އަށްފަހު ލިޔޯންއަށް ލިބުނު ފުރުސަތުގައި ބާޓްރެންޑް ޓްރައުރޭ ޖެހި ޕެނަލްޓީ ޕީއެސްޖީގެ ކީޕަރު ކޭލާ ނަވާސް މަތަކުރުމުން މެޗުން މޮޅުވުމަށް ޕީއެސްޖީގެ ޕަބްލޯ ސަރާބިއާ ޖެހި ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުންވެސް ވަނީ ރަނގަޅު ހަމަލާތަކެއް ކޮށްފައެވެ.

އެގޮތުން މެޗުގެ 7 ވަނަ މިނެޓުގައި ޑީއޭރިއާ ކައިރިން ނޭމާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

އިތުރު ވަގުތުގައި ލިޔޯންގެ ޑިފެންޑަރު ރަފައެލްއަށް ރެފްރީ ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ރަފައޭލްއަށް ކާޑު ދައްކާފައިވަނީ ގޯލް އޭރިއާގެ ބޭރުން ޕީއެސްޖީއަށް ކުޅޭ އާޖެންޓީނާގެ ޑި މާރިއާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ޕީއެސްޖީން މި ކާމިޔާބީތައް ހޯދިއިރު މިމެޗަށް ނުކުތީ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި އަނިޔާގަ ހުރި ކިލިއަން އެމްބާޕޭއާ ނުލައެވެ. އެމްބާޕޭއަށް އަނިޔާވީ މިދިޔަ ހަފްތާގައި ސެއިންޓް އެޓިއެންއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

އެހެން ނަމަވެސް ޗެމްޕިއަންސް ލީގުގައި އެޓެލަންޓާއާ ދެކޮޅަށް އޭނާއަށް ކުޅެވިދާނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.