މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާއި އިންޑިއާ ސިފައިން ގުޅިގެން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަން ފަށައިފިއެވެ.

ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ކުރިއަށްގެންދާ މި މަސަައްކަތުގައި ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑު ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުތައް ހުއްޓުވާ، އެ މަސައްކަތް ކުރެވޭނެއެވެ.

އިންޑިއަން ނޭވީ ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ މިފަދަ 53 ވަނަ އޮޕަރޭޝަނެވެ.

ވައިގެމަގުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގާ މި އޮޕަރޭޝަނަކީ 2009 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ އޮޕަރޭޝަނެކެވެ.

ރާއްޖެއިން އަވައްޓެރި ގައުމުތަކާއި ގުޅިގެން ހިންގާ މި ފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ރާއްޖޭގެ ކަނޑު ސަަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ ގިނަ އަދަދެއްގެ ބޯޓު ފަހަރު ވަނީ އަތުލައިގެންފައެވެ. ހަމަ އެއާއިއެކު ގިނަ އަދަދެއްގެ ޑްރަގްސްވެސް މީގެ ކުރިންވަނީ މިފަދަ ބޯޓުތަކުން އަތުލައިގެންފައެވެ.

އެމްއެންޑީއެފް އާއި އިންޑިއަން ނޭވީ ގުޅިގެން މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު ތަފާތު އެކި ރޮނގުތަކުން އިންޑިއާއިން ދަނީ ރާއްޖެއަށް އެކި ކަހަލަ ތަމްރީނުތައް ދެމުންނެވެ. މީގެ ތެރެއިންވެސް ސިފައިންނާއި ފުލުހުންނަށް ޚާއްސަ، ގިނަ ތަމްރީނުތަކެއް އިންޑިއާއިން ރާއްޖެއާއި ގުޅިގެން ހިންގައެވެ.