ފަތުރުވެރިން ތިބި ރިސޯޓެއްގައި ހުރި މީހަކު ރަށަކަށް ދާނަމަ އެރަކަށް ގޮސް 14 ދުވަސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭނެކަމަށް ހެލްތް އިމަރޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ދިވެހިރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލެވުމާއެކު ފަތުރުވެރިންނަށް ހުޅުވާލި ރިސޯޓުތަކުގައި ތިބި މުވައްޒަފުން އަމަލުކުރާނެ އައު އުސޫލެއް މިހާރު އެކުލަވާލާފައިވާކަމަށެވެ.

މި އުސޫލުގައިވާގޮތުން މިވަގުތު ފަތުރުވެރިން ތިބި ރިސޯޓުތަކުގެ މުވައްޒަފުން އެއްވެސް ސަބަބަކާހުރެ އެހެން ރަށަކަށް ދާންޖެހިއްޖެނަމަ އެތަނަކަށް ގޮސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭނެއެވެ. އަދި ރިސޯޓުން ފޭބުމުގެ ކުރިން ދާން ބޭނުންވާ ރަށެއްގެ ކައުންސިލަށް އެކަން އަންގައި ކަރަންޓީން ވާނެ ތަނެއް ކަނޑައަޅަންޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ރާއްޖޭގެ ރިސޯޓަކުން ކޮވިޑް-19 ގެ ކޭސްއެއް ފެނުމާއެކު، ރިސޯޓުތަކުގައި ތިބި މުވައްޒަފުން އަމަލުކުރާނެ އުސޫލެއް އެކުލަވައިލިއެވެ. މި އުސޫލުގައި ވާގޮތުން ރިސޯޓެއްގައި ތިބި މުވައްޒަފުންނަށް އެ ރިސޯޓަކުން ފޭބޭނީ ރިސޯޓުގައި ހުރި އެންމެ ފަހު ފަތުރުވެރިޔާ ފުރައިގެން ދިޔަތާ 14 ދުވަސް ފަހުންނެވެ.

އެހެންނަމަވެސް މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރައްޖޭގެ މައި ބޯޑަރު ހުޅުވާލައި އެޗްޕީއޭއިން އެކުލަވާލި އުސޫލުގައި ވާގޮތުން އެ މުވައްޒަފަކު ދާން ބޭނުންވާ ރަށަކަށް ގޮސް އެމީހަކަށް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރެވޭނެއެވެ.