ފްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު މިދިޔަ މަހު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ސިއްހީ ހިދުމަތްތެރިންނާއި، ފުލުހުންނާއި ސިފައިންގެ ތެރެއިން ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.

އެގޮތުން ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ 37 މީހަކު މިދިޔަ މަހު މި ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށާއި، 21 ފުލުހަކު ޕޮޒިޓިވްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

( 07 މޭ 2020 ) – މާލޭގައި ކޮވިޑް-19 އަށް ބަޔަކު ޓެސްޓު ކުރުމަށްޓަކައި ސިއްހީ ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރި ވަނީ :- އަޙުމަދު ޝުރާއު / ވީފޮޓޯ

އެގޮތުން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާ ސިއްހީ ހިދުމަތްތެރިންގެ އަދަދު ވަނީ 64 އަރާފައެވެ. މި މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބް ޓެކްނިުޝަނުންގެ އިތުރުން ރޭޑިއޯގްރާފަރުންނާއި، އެޓެންޑެންޓުންނާއި، ޓެކްނިކަލް މީހުން ހިމެނޭކަމަށް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރާ 60 އަށްވުރެ ގިނަ ފުލުހުން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށާއި، އިއްޔެ އެކަނިވެސް 6 ފުލުހަކު ޕޮޒިޓިވްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް 156 މީހުން ވަނީ އަލަށް މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ގިނައީ ދިވެހިންނެވެ.