އދ. ދިގުރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

އދ. ދިގުރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ދިގުރަށު ޕޮލިސް ސްޓޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ޑިންގީއެއްގައި ދިގުރަށަށް ކައިރިކުރިކުރުމުންކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކަރުދާސް ކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.

މިމައްސަލަ އދ. ދިގުރަށު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނާއި މަޑިފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މިދިޔަ މަހުގެ 27 ގައި ވަނީ މަޑިފުށިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައެވެ.