އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް 1.8 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީއާއި އޮސްޓްރޭލިއާގެ ޑިފެންސް އެޑްވައިޒަރ، ގްރޫޕް ކެޕްޓަން ޝޯން އަންވިން ކަމަށެވެ.

އަދި މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގާއި ޑިފެންސް އެޑްވައިޒަރ ލޓ. ކލ. އިސްމާއިލް ނަސީރު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އޮސްޓްރޭލިއާ އަސްކަރިއްޔާއިން ވެދިން މި އެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ސަފީރު އުމަރު އަބްދުއްރައްޒާގު ވަނީ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރުވެސް އަދާކުރައްވާފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 12 ހާސް އޯވަރއޯލް އާއި، 2 ލައްކަ އަންގި ކަމަށާއި މިތަކެތި އުފައްދާފައިވަނީ އޮސްޓްރޭލިއާގެ އަންސެލް ކުންފުނިން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.