މިހާރު ފެނިގެންމިދަނީ ކޮންމެ ޕާޓީއަކަށްވެސް ވެރިކަމުގެ ބާރުތައް ލިބުމުން ކުރިން ދެއްކި ހުރިހާ ވާހަކަތައް ހަދުމަނެތި ހުދުމުހުތާރު އަމަލުތައް ކުރާތަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މެމްބަރު އުޝާމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
މެމްބަރު އުޝާމް މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މެމްބަރު އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ވެރިކަންކުރާ ފަރާތްތަކުގެ އިހްލާސްތެރިކަން ނެތިއްޔާ ވެރިކަމުގެ ކޮންމެ ނިޒާމެއް އޮތަސް ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.
މެމްބަރު އުޝާމް މިހެން ވިދާޅުވެފައިވާއިރު ޖޫންމަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ، މިވަގުތު ބަރުލަމާނީ ނިޒާމަކަށް ދިއުމާމެދު ނުވިސްނަވާ ކަމަށާއި، ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންފުޅުވަނީ ވައުދުތައް ފުއްދުމަށް ކަމަށެވެ.
ވެރިކަންކުރާ ނިޒާމަކާމެދު ރައްޔިތުން މީގެކުރިން ގޮތެއް ނިންމާފައިވާ ކަމަށާއި އަދި އެނިޒާމު ބަދަލުކުރަން އެއްވެސް އިރެއްގައި ދެންވެސް ބޭނުންވެއްޖެނަމަ އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށްވެސް ރައީސް ވަނީ އޭރު ވިދާޅުވެފައެވެ.