ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކުރި، އިންޑިއާގެ ފިލްމީދުނިޔޭގެ މެގަރސްޓަރ އަމީތާބް ބައްޗަން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އަމީތާބު ހޮސްޕިޓަލުން ދޫކޮށްލައިފިކަން ހާމަކޮށްފައިވަނީ އޭނާގެ ފިރިހެން ދަރިފުޅު އަދި ބޮލީވުޑްގެ ތަރި އަބީޝެކް ކުރި ޓްވީޓެއްގައެވެ.

އަބީޝެކްގެ ޓްވީޓްގައި ބުނެފައިވަނީ، އެންމެފަހުން ކުރި ޓެސްޓުން ނެގަޓިވްވުމާ ގުޅިގެން ބައްޕަ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

"އެންމެފަހުން ހެދި ޓެސްޓުން ބައްޕަވަނީ ކޮވިޑް-19 އަށް ނެގަޓިވްވެފައި. އެކަމަށްޓަކައި ޝުކުރުވެރިވަން. ބައްޕަ މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި. ބައްޕަ މިހާރުދަނީ ގޭގައި އަރާމުކުރަމުން. އެންމެންގެ ފަރާތުން ބައްޕައަށް ލިބުނު ހެޔޮ ދުއާއާއި ހެޔޮއެދުމަށް ޝުކުރު ދަންނަވަން"
އަބީޝެކް ބައްޗަން

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އަމީތާބް ބައްޗަން މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ޖުލައިމަހުގެ 11 ވަނަ ދުވަހުއެވެ.

އަމީތާބު ޕޮޒިޓިވްވީފަހުން، ހަމަ އެދުވަހު އޭނާގެ ފިރިހެންދަރިފުޅު އަބީޝެކް ބައްޗަންވެސް ޕޮޒިޓިވްވިއިރު، އަބީޝެކްގެ އަންހެނުން އައިޝްވާރިޔާއާއި، އެދެމަފިރިންގެ ދަރިފުޅު އާރަދްޔާ އޭގެ އަނެއްދުވަހުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އައިޝްވާރިޔާއާއި، އާރަދްޔާ ޖުލައިމަހުގެ 27 ވަނަދުވަހު ހޮސްޕިޓަލުން ދޫކޮށްލާފައި ވާއިރު، އަބީޝެކް އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ.