އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ރައީސް އިބްރާހިމް މުހަންމަދު ސާޅިހްގެ ޓްވީޓްގައި، ކޮވިޑް-19 ޖެހޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުން ކަމަށާއި، ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅޭއިރު މާސްކް އެޅުމަށް އެދިވަޑައިގެންފައި ވެއެވެ.

އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެންގުންތަކަށް ޢަމަލުކުރުމަށާއި، އެކަމުގައި ހުރިހާ އެންމެންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުން. ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވާ. @HPA_MV ގެ އެންގުންތަކަށް ޢަމަލުކުރައްވާ. ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން"
ރައީސް އިބްރާހިމް މުހަންމަދު ސާލިހް

އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއިރު، އިތުރު ފުރަބަންދަކަށް ދިއުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށް ސަރުކާރުގެ އެހެން އިސް މަސްއޫލުވެރިންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

އޭގެ ބަދަލުގައި އެ ބޭފުޅުންނާއި، އަދި ރާއްޖޭގެ ސިއްހީ ފަރާތްތަކުން އިރުޝާދު ދެމުންގެންދަނީ މާސްކް އަޅައިގެން އުޅުމަށާއި، އިޖުތިމާއީ ގައިދުރުކަން ގާއިމްކުރުމަށާއި، މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށާއި އަދި ކޮންމެހެން ދާންޖެހޭ ތަންތަނަށް މެނުވީ ނުގޮސް، އަދިވެސް ގިނައިން ގޭގައި ތިބުމަށެވެ.

ފުރަބަންދުގެ ފުރަތަމަ ފިޔަވަހީގައި ޖޫންމަހުގެ 15 ވަނަދުވަހު ލުއިދީ، އަދި ދެވަނަ ފިޔަވަހީގައި ޖުލައިމަހުގެ 1 ވަނަދުވަހު އިތުރު ލުއިތައް ދިންފަހުން ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ފުރަބަންދަށް ލުއިދޭން ފެށިފަހުން އިއްޔެއަކީ މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. އިއްޔެ އެކަނިވެސް 215 މީހުން ޕޮޒިޓިވް ވެފައި ވެއެވެ.

ހޮނިހިރު ދުވަހު 156 މީޙުން ޕޮޒިޓިވް ވެފައި ވެއެވެ.